އަހުމަދު މަސްނޫމް   9 ފެބްރުއަރީ 2022 - 0:48
ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ދޫނިތަކެއް މަރާލި މައްސަލަ ހޫނުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މަރާލި ދޫނިތަކަކީ މީގެ 3 މަހެއްހާ ދުވަސްކުރިން ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައިވާ ދޫނިތަކެއް ކަމަށެވެ. އަދި އެއަރޕޯޓުގައި ހުންނަ ކަރަންޓީން ފެސިލިޓީގައި އެ ދޫނިތައް މަރާލީ އޮންނަ އުސޫލުގެ ދަށުންކަމަށާއި، އެކަމުގައި ބަންޑާރަ ނައިބުގެ ލަފާވެސް ހޯދާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މަރާލީ ކޮން ބާވަތެއްގެ ދޫނިތަކެއްކަމެއް ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަރާލާފައިވަނީ ގުރާގެ އާއިލާގެ ދޫނިތަކެކެވެ. އަދި ބައެއް ފޮޓޯތަކުން 50 ވަރަކަށް ދޫނި މަރާލާފައި އޮއްވާ ފެނެއެވެ.

ދޫނިތައް މަރާލި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެގެން އުޅޭއިރު، ބައެއް މީހުން ބުނީ އެ ދޫނިތަކަށް އެ ނޫން ކޮންމެވެސް ގޮތެއް ހެދޭނެކަމަށެވެ. އަދި އެ ދޫނިތައް މަރާލުމަކީ ލާއިންސާނީ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

"‏މަނާވީ އެތެރެކުރި ގޮތް.ދޫނިތަކުގެ ފުރާނައެއް ނޫން. ވަގަށް ރާއްޖެ އެތެރެވާ މީހާވެސް މަރާލަނީކީ ނޫން. މާސިންގާ ކަނޑުގެ ސަތަހަ ހުރަސްކޮށް ރާއްޖެއަށް އެހެން ގައުމުތަކުގެ ކަނޑުގެ ދިރުންތަކާ މޫސުމީ ދޫނި އަންނަނީ ހުއްދަ ހޯދާފައެއް ނޫން. އެތެރެކުރިގޮތް ގޯސް ވުމަކީ ދޫނިތަކުގެ ކުށެއް ނޫން." އާއްމު މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ދޫނިތައް މަރާލި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަވާއިދާއި ހިލާފަށް އެގޮތަށް އެތެރެކުރާ އެއްޗެހި ނައްތާލުމަކީ އާ ކަމެއް ނޫންކަމަށާއި، އެއީ މީގެކުރިންވެސް ކުރަމުން އަންނަ ކަމެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު