އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މީހުންގެ ޝަރީއަތް މަތިން ހަނދާން ނައްތާލުމަށްފަހު، އެމްޑީޕީގެ އިސް ފަރާތްތަކުން އުޅެނީ ރައީސް ޔާމީންގެ ފަހަތުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވި ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މީހުންގެ ޝަރީއަތް ލަސްވަމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން މިމައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސް ސާލިހު އައްޔަންކުރައްވާފައިވާ މަންދޫބު އައްބާސް ފާއިޒުވެސް ވަނީ ޝަރީއަތް ލަސްވަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އިންސާނިއްޔަތާއި ޚިލާފް ބޮޑު ޖަރީމާއެއްކަމަށެވެ. އަދި އެފަދަ ބޮޑު ޖަރީމާއެއްގެ ޝަރީއަތް ލަސްވުމަކީ ވަރަށް ދެރަ އަދި ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ އެ ޝަރީއަތް އަވަސްކޮށް އަނިޔާވެރި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރަންޖެހޭކަމަށެވެ.

ޝަހީމް ވިދާޅުވީ އެމްޑީޕީގެ ނުފޫޒުގަދަ އިސް ފަރާތްތަކުން ބޮން ގޮއްވި މީހުންގެ ޝަރީއަތުގެ ވާހަކަ ބާއްވައި، އެޖަރީމާގެ ވާހަކަ ނުދައްކައި އަދިވެސް ބަލަނީ ރައީސް ޔާމިން ޖަލަށް ލެވޭނެ ގޮތެއް ހޯދުމަށްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވެސް އެކަން ވޭތޯ ބަލަމުންދާކަމަށާއި އަމިއްލަ ޕާޓިގެ ރައީސް މަރާލަން އުޅުނު މީހުންގެ ޝަރީއަތުގެ މަތިން އެމްޑީޕީގެ އިސްވެރިން ހަންދާނެއް ނެތްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މިދިޔަ މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މީހުންގެ ޝަރީއަތް ލަސްވަމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެކަމުގައި ބައިވެރިވި ބައެއް މީހުންގެ ޝަރީއަތް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު