އަހުމަދު މަސްނޫމް   9 ފެބްރުއަރީ 2022 - 16:29
ބަޖެޓް ހަރަދުތައް ފޫބެއްދުމަށް 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސުން މިފަހަރު އިއުލާންކޮށްފައިވަނީ ކުރު މުއްދަތުގައި ސަރުކާރުން އަނބުރާ ފައިސާ ދައްކަންޖެހޭ، ކުރު މުއްދަތުގެ ޓީބިލްތަކެއް ވިއްކުމަށެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާގޮތުން މިމަހުގެ 13 ވަނަ ދުވަހު 4 ޓީބިލެއް ވިއްކާނެއެވެ. އެއީ 674 މިލިއަން ރުފިޔާ، 188 މިލިއަން ރުފިޔާ، 205 މިލިއަން ރުފިޔާ އަދި 466.3 މިލިއަން ރުފިޔާގެ ޓީ ބިލްތަކެކެވެ.

ޓީ ބިލުތައް ވިއްކަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ އިންޓަރެސްޓް ރޭޓެއްގައެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން ޓީބިލް ގަންނަ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރަށް ފައިސާ ދައްކަން ޖެހޭނެއެވެ.

ބަޖެޓްގެ ހަރަދުތައް ފޫބެއްދުމަށް ޓީ ބިލް ވިއްކާއިރު، މިއަހަރުގެ ބަޖެޓަށް ފައިނޭންސް ކުރުމަށް މިއަހަރު 13 ބިލިއަން ރުފިޔާ ސަރުކާރުން ދަރަންޏަށް ނަގާނެއެވެ. އެ ފައިސާ ހޯދާނީ ރާއްޖޭގެ އެކި ފަރާތްތަކުންނާއި ބޭރުގެ ފަރާތްތަކުންނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓް ޑެފިސިޓަކީ 9.7 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު