އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭލުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިސްވެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބަލާ 241 ކޮމިޓީއަށް ފުލުހުންނާއި ހޯމް މިނިސްޓްރީގެ ވެރިން ހާޒިރުކުރުމަށް ނިންމައިފިއެވެ.

241 ކޮމިޓީގެ ބައްދަލުވުމަށް ފުލުހުންނާއި ހޯމް މިނިސްޓްރީގެ ވެރިން ހާޒިރުކުރާނީ މިއަދު މެންދުރުފަހު 2:30 އަށެވެ.

އިންޑިއާ އައުޓް ކެމްޕެއިން މައްސަލަ 241 ކޮމިޓީއަށް މިދިޔަ ޑިސެމްބަރުމަހު ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.



މިމައްސަލަ ބެލުމާއި މެދު ގޮތެއް ނިންމުމަށް ހޯމަދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ޝަހްސިއްޔަތަކަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ދިވެހިންގެ ބަޔަކު ދުރާލައި އިންތިޒާމު ކޮށްގެން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމިޓީގެ މެމްބަރުންގެ ތެރެއިން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވާނެކަމުގެ ބިރު އޮތްއިރު، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރާއި އަދި ދެ ގައުމުގެ ރައްޔިތުންނަށް ހުރި ނުރައްކާ ބެލުން މުހިއްމުކަމަށެވެ.

ނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭން ހިންގުމަކީ ޤާނޫނީ ކުށެއް ނޫންކަމަށާއި، އަދި ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކޮށްފައި ނުވާއިރު، އިންޑިއާ އައުޓް ގޮވުން ނުހުއްޓުވޭނެކަމަށެވެ. އަދި މިމައްސަލަ ކޮމިޓީން ނުބެލޭނެކަމަށްވެސް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ވަނީ އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި ގޮތަށް އެ މައްސަލަ ބެލުމަށް ފާސްކޮށްފައެވެ. އަދި އެމައްސަލަ ބަލާއިރު، އެމްއެންޑީއެފް، ޕޮލިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީއާއި ކަސްޓަމާއި އިމިގްރޭޝަންވެސް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށްވެސް ފާސްކުރިއެވެ.

ކޮމިޓީއަށް ބައެއް އިދާރާތައް ހާޒިރުކުރާތީ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއިދުނުކުރާ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ. އެގޮތުން އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ 241 ކޮމިޓީއަށް ނުބެލޭނެ ކަމަށާއި، އެކޮމިޓީގެ މައިގަނޑު މަސައްކަތަކީ ސަލަމާތީ އިދާރާތަކާ ގުޅޭ މައްސަލަތައް ބެލުންކަމަށް އެމެމްބަރުން ފާހަގަކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް 241 ކޮމިޓީން ބަލަން ނިންމި ނިންމުމަކީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ބޭރުން ކުރާ ކަމެއްކަމަށެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ 241 ކޮމިޓީން އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބަލާނަމަ، ރާއްޖެއިން އިންޑިއާއަށް މަސް އެތެރެކުރުން ދަތިވާ މައްސަލަވެސް ކޮމިޓީން ބަލަންޖެހޭކަމަށެވެ. އެއީ ޔޫރަޕްގެ ގައުމުތަކަށް ވުރެ ރާއްޖެއިން އިންޑިއާއަށް މަސް އެތެރެކުރުން އުނދަގޫކަމުންކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ކޮމިޓީން އުޅެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ނޫންކަމަށާއި، މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ދިރާސާކުރަންކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް މިއީ ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު އޮތް ގުޅުމަށް އަސަރުކޮށް، ދިވެހިންނަށް އެކަމުގެ ސަަބަބުން ނުރައްކާ އޮތް ކަމެއްކަމަށް ބުނެ ސަރުކާރުން ވަނީ މި ހަރަކާތް މަގުމަތީގައި ނުހިންގޭނެކަން އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު