އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގައި އައުޓް ކުރަންވީ އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެެ. އެކޮމެޓީގައި ވާހަކަފުޅު ދައްކަަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ އެ ހަރަކާތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑު ކިޔައިގެން އިދިކޮޅުން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުކުރެވުމުން ފެށި ހަރަކާތެއް ކަމަށާއި، އެ ހަރަކާތުން "އައުޓް" ކުރަންވީ ކޮންއެއްޗެއްކަން ސާފު ނުވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނާ އަދި މުޅި ރާއްޖެއާ ގުޅިފައިވާ ބައިވަރު ކަންތައްތައް އިންޑިއާއާ އެކު ކުރިއަށް އެބަދާ ކަމަށާއި އޭގެ ތެރެއިން އައުޓް ކުރަންވީ ކޮންއެއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާ ނަމަ ދާހިލީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކާތަކެއް އެބަހުރި ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށްދާ ގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ އެތައް ބަޔަކަށް ބިރުވެރިކަން ތަހައްމަލް ކުރަންޖެހިފައިވާކަން މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އިންޑިއާ އައުޓް ހަރަކާތުގައި ކުށްތައް ކޮށްފައިވާ ބަޔަކު ބައިވެރިވެ މުދަލާއި ފުރާނައަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގަމުންދާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާތީ އެ މައްސަލަަ ބަލަން 241 ކޮމިޓީއަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެެވެ. އިންޑިޔާ އައުޓް ކެމްޕޭނުގައި އައުޓް ކުރަންވީ ކޮންއެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި ނަމަވެސް އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިއަށްގެންދާ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު