އަހުމަދު މަސްނޫމް   10 ފެބްރުއަރީ 2022 - 1:20
ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ހިފިކަމަށް ތުހުމަތުކޮށް މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 13:30 ގައެވެ.

މިދިޔަ މަހުގެ 19 އަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް ފަހުން ވަނީ އަޑުއެހުން ކެންސަލްކޮށްފައެެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން މަހްލޫފަށް 33،000 ޑޮލަރު (500،000 އަށް ވުރެ ގިނަަ ރުފިޔާ) ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެެއެެވެ.

މަހްލޫފުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން އޭނާ މީގެ ކުރިން ވަނީ މަގާމުން ސަސްޕެންޑް ވެސް ކޮށްފައެވެ. އެހެން ނަމަވެސް މަހްލޫފާއިމެދު ގޮތެއް ނިންމުން މާ ބޮޑަށް ލަސްވާ ކަމަށް ބުނެ އެ ސަސްޕެންޝަން ސަރުކާރުން ވަނީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު