އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަންކުރުމަކީ ރައީސް ބޭނުންހާ ދުވަހަކު ކުރަން އޮންނަ ކަމެއް ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެެވެ.

އޭސީސީގެ ފަސް މެމްބަރުން މަގާމުން އިސްތިއުފާ ދެއްވުމުން އެކޮމިޝަން މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް ގާނޫނުގައި ބުނާ މުއްދަތުވެސް މިހާރު ވަނީ ފަހަނައަޅައި ގޮސްފައެވެެ.

ހުސްވެފައިވާ އޭސީސީ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތަށް ރައީސް އޮފީހުން މަޖިލީހަށް ފޮނުވުން ލަސްވަމުންދާތީ އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ‏އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ގާނޫނުގައި މުއްދަތުތަކެއް ކަނޑައަޅާފައިވަނީ ސަބަބެއް އޮވެގެން ކަމަށެވެ. އެއީ ރައީސުލްޖުމުހޫރިއްޔާ ބޭނުންވާހާ ދުވަހެއްގައި ކުރަން އޮންނަ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވިއެެވެ.



"މިކަމުންވެސް އެނގެނީ ގާނޫނާ އެއްގޮތަށް ކަންކަން ކުރުމުގެ ހެޔޮ ނިޔަތެއް ރައީސުލްޖުމުހޫރިއްޔާގެ ނެތްކަން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުން ކުރީގެ ޑެޕިއުޓީ އެޓާނީޖެނެރަލްކަން ކުރެއްވި އުޝާމް ވިދާޅުވިއެވެ.

ހުސްވެފައިވާ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކުން އެކޮމިޝަންގެ މެމްބަރު ކަމަަށް ކުރިމަތިލުމަަށް އެދި ހުށައަޅާފައި ވެއެވެ. އެހެން ނަމަވެސް އޭސީސީގެ މެމްބަރު ކަމަަށް ކުރިމަތިލި ފަރާތްތަކުގެ ނަންތަށް ރައީސް އޮފީހުން މަޖިލީހަށް މިހާތަނަށް ފޮނުވާފައެއް ނުވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް އަވަހަށް މެމްބަރުން އައްޔަނު ކޮށްދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު