ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ގާއިމްކުރާ ޖޫނިއަރ ކޮލެޖް ތަކާއި ޓިވެޓް ސެންޓަރުތަކުން ދަރިވަރުން ކިޔަވާ މަންޒަރު 2023 ވަނަ އަހަރުގެ ކުރީކޮޅު ފެންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާގައި ވާހަަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އަތޮޅު ތެރޭގައި ޓެކްނިކަލް ވޮކޭޝަން ތައާރަފްކުރުމަށް ސަރުކާރުގެ އިސް ނެގުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި ޖޫނިއާ ކޮލެޖް ތަކާއި ޕޮލިޓެކްނިކް ސެންޓަރުތަކާއި ޓިވެޓް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލުމުން ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތަށް ބަޔަކު ކުރިމަތިލާފައިވާ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. އެެހެން ނަމަވެސް ފުވައްމުލަކުގައި ޖޫނިއާ ކޮލެޖެއް އަޅަން ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ހުށައެޅުން ޓެންޑަރ ބޯޑް މިންގަނޑުތަކަށް ނުފެތޭތީ އެބިޑް ބާތިލް ކޮށްފައިވާ ކަމަށް މިނިސްޓަރު ޑރ. ހަސަން ވިދާޅުވިއެވެ.

"ސަރުކާރުގެ ޚަރަދުގައި ދިއްދޫގައި ޖޫނިއާ ކޮލެޖެއް އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެންވާނީ ފައްޓާފައި. އެހެންވީމަ އަޅުގަނޑުމެންގެ އުއްމީދަކީ މި ސެންޓަރުތަކަށް ދަރިވަރުން ވަދެ ކިޔަވަން ފައްޓާ ކިޔަވަމުންދާ މަންޒަރު 2023 ވަނަ އަހަރުގެ ކުރީކޮޅު ފެނުން. އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުއްމީދެއް ޔަގީންކަމެއް އެބައޮތް މި ލަނޑުދަނޑި ހާސިލްވާނެ ކަމަށް." މިނިސްޓަރު ޑރ. ހަސަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ ކަމަށެވެ. އަދި ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު އިޢުލާނު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤައުމަށްޓަކައި ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާއަކީ، ހެދިހުރި ދިވެހި އިންސާނާ." ތަޢުލީމު އުނގަންނައިދުނުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ހާމަކުރަށްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު