ށ. މިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ޝިޔާމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވެރިކަންކުރާ އެމްޑީޕީގެ ކައުންސިލަރ އަހުމަދު ޝިޔާމް ވިދާޅުވީ އޭނާއަށް ހަމަލާދިނީ އޭނާއާއި އޭނާގެ ކޮއްކޮއެއް ކޮފީއެއް ބޯން ކެފޭއެއްގައި ތިއްބައި އެތަނަށް އައި ބަޔަކުކަމަށެވެ. އަދި އެމީހުން އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގިކަމަށް ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް ތުހުމަތުކުރައްވާ ގޮތުގައި އޭނާއަށް ހަމަލާދިނީ އޭނާ ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރެއްކަމަށްވާ މިލަންދޫ ދާއިރާގެ މެންބަރު ރިޒާއާ ގާތް ގުޅުމެއް އޮންނަ ބައެކެވެ.

ޝިޔާމް ވިދާޅުވީ ރިޒާއަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ ވާހަކަދައްކާތީ ރިޒާ ހުންނަނީ ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި ރިޒާ އެރަށަށް އަންނަ ކޮންމެ ފަހަރަކު މިކަހަލަ ކަންކަން ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ އޭނާއަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.



ޝިޔާމަށް ހަމަލާދިނުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ މެމްބަރެއްކަމަށްވާ ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު ވިދާޅުވީ ޝިޔާމަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ އެމްޑީޕީގެ ލީޑަރެއްކަމަށެވެ. އަދި އަލީ ރިޒާގެ ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ވާހަކަ ދައްކައިގެން މިހާބޮޑު އަނިޔާއެއް ދޭކަށް ނުވާނެކަމަށް ބަޝީރު ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު