މާލޭގެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ ސިޓީ ކައުންސިލްގެ މެމްބަރުންނަށް ބައި އެޅޭގޮތަށް ކަމަށާއި އެއީ އާންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ތުހުމަތު ކުރަށްވައިފިއެެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ މާލޭގެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ ސިޓީ ކައުންސިލްގެ މެމްބަރުންނަށް ބައި އަޅާގޮތަށް ކަމަށާއި ސިޓީ ކައުންސިލް އުފެދުނުފަހުން އެކަން ހިގަނީ އެ އުސޫލުން ކަމަށެވެ. އަދި ގޮޅި ދޫކުރަނީ ކައުންސިލްގެ ޕާޓީ މީހާ ބުނާ މީހުންނަށް ކަމަށް މޫސަ ތުހުމަތުކުރެއްވިއެވެ.



"އެންމެ ފަހުން އެތާނގެ ޙަޤީގީ ވިޔަފާރިވެރިޔާ އަތުން ތަންގެއްލި ކައުންސިލަރު ރައްޓެހި ބަންގާޅީންނަށް ގޮޅިދީގެން ބައިއަޅައިގެން ވިޔަފާރިކުރަނީ." ލ. އަތޮޅު މެމްބަރުކަމާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން ގޮޅިތައް ދޫކުރަނީ މާލޭ ސިޓީކައުންސިލުންނެވެ. އަލަށް ހުވާކުރި އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އާ ކައުންސިލުން މިދިޔަ އަހަރު ވަނީ މާރުކޭޓްތަކުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކޮށްފައެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމާ ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000 ރުފިޔާއެވެ. ގޮޅިތަށް މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަކަށެވެ.

މިހާރު އޮތް ސިޓީ ކައުންސިލުން ބުނެފައިވަނީ މާރުކޭޓު ގޮޅި ހިންގަން ބޭރުމީހުންނަށް ނުތިބެވޭނެ ކަމަށެވެ. އަދި އެފަދަ ތަންތަން އަތުލާނެ ކަމަށް ވެސް ކައުންސިލުން ކުރިން ބުނެފައި ވެއެވެ. ނަމަވެސް މިހާރުވެސް މާރުކޭޓުގެ ގިނަ ގޮޅިތައް ހިންގައި ވިޔަފާރިކުރަން ތިބެނީ ބިދޭސީންނެވެ.



ކިޔުންތެރިންގެ ހިޔާލު