ރާއްޖޭގައި އިންޑިޔާގެ ރައްޔިތުން ތިބެގެން ދިވެހިން ރުޅިއައިސްގެން ނޫޅޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.

އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް އޮތް ކަމަކަށް ފާހަގަނުކުރެވޭ ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ދެެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އެކަމަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ އިންޑިއާ ސިފައިން އެމީހުންގެ އުޅަނދުތަކާ އެކު އަނބުރާ ރާއްޖެއިން ފޭބުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

އިންޑިއާ ސިފައިން މީގެ 12 އަހަރު ކުރިން ރާއްޖެއައީ ހެލިކޮޕްޓަރެއް ހަދިޔާކުރުމުގެ ނަމުގައި ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖެއިން ނުފައިބާންވެގެން އެމީހުން އެކިއެކި ބަހަނާ ދައްކަމުންދާ ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކަށް އިތުރުކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަމުގެ ސަބަބުން ނިކުންނާނެ ނުބައި ނަތީޖާ ނޭނގޭ އެއްވެސް ދިވެއްސަކު މިއަދު ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އިންޑިއާގެ ރައްޔިތުން ތިބެގެން ދިވެހިން ރުޅިއައިސްގެނެއް ނޫޅޭ. ރުޅިއައިސްގެން އުޅެނީ އިންޑިއާ ސިފައިން ތިބެގެން." އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރަމުންދާއިރު އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށްފައިވާ ބިލެއް އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ ނިންމާފައެވެ. އަދި މަޖިލީހުގެ 241 ކޮމިޓީން ވެސް ވަނީ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލަން ފަށާފައެވެެ.

އިދިކޮޅު ކޯލިޝަނުން ބުނަނީ އިންޑިޔާ އައުޓް ހަރަކާތް ނުހުއްޓެވޭނެ ކަމަށާއި، ކުރިއަށް އޮތްތާގައި އެހަރަކާތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު