ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް އުފުލާފައިވާ ދެދައުވާއަށް އެމަނިކުފާނު މިއަދު އިންކާރު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބުދު ﷲ ޔާމީންގެ މައްޗަށް ދައުވާކުރަނީ ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކުރަށްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތު ކުރެވޭ މައްސަަލައިގައެެވެ. 

ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. ދައުވާގެ ސީޣާގައި މިއީ ކޮން މުއާމަލާތަކާ ގުޅިގެން އުފުލާފައިވާ ދައުވާއެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި، އަމަލު ހިންގި ވަގުތަކީ ރައީސް ޔާމީންގެ އެކައުންޓަށް އާރަށް ކުއްޔަށް ދީގެން ހޯދި ފައިސާގެ ޗެކު ޖަމާވި ދުވަސް ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެދުވަހަކީ ސެޕްޓެމްބަރު 17، 2015 އެވެ.

ދައުލަތުން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށެވެ. އެމައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެެވެ.

މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ދައުލަތުން ދައުވާ ކުރާ އެއްވެސް ކަމެެއް ކުރައްވާފައިނުވާ ކަމަށާއި، އެ ދެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިން އެންމެ ފުރަތަމަ ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެފައެވެ. ދެ ދައުވާގައި ވެސް، ކުށުގެ އަމަލާއި، އަމަލު ކުރި ވަގުތާއި، އަމަލު ހިންގި ގޮތާއި، ދައުވާގައި ބަޔާން ކުރާ ނުފޫޒު ފޯރުވަން ކުރި އަމަލާއި އެ އަމަލުގެ ތަފްސީލް ނެތް ކަމަށް ބުނެ ރައީސް ޔާމިންގެ ވަކީލުން އެކަން ސާފު ކުރުމަށް މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތާއި ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލައަކީ ތަނެއްގައި ހުރެގެން ކުރެވޭ ކުށަކަށް ނުވާތީއާއިއެކު ތަނާއި ވަގުތު ބަޔާން ކުރުން މުހިންމު ނުވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި ޗެކާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ފޯނުން ގުޅުއްވައި ޔޫސުފް ނައީމާއި ވާހަކަތަކެއް ދެކެވުނު ކަމަށް ދައުލަތުން ބުންޏެެވެ. ނަމަވެސް ދައުލަތުން ޖަވާބު ތަކެއް ދެއްވާފައިވާތީ ދިފާއާއި ދައުލަތުން ވެސް ވަނީ އެ ކަމުގައި ގާޒީ ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މި މައްސަލައާއި ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހަވާލާދީ ދައުލަތުން ދައުވާ ސާފު ކޮށްދޭން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ނިންމާފައެވެެ. ރައީސް ޔާމިން އެ ދައުވާ ތަކަށް އިންކާރު ކުރެއްވީ ގާޒީ އެގޮތަށް ކަނޑައެޅުއްވުމުންނެވެ.

މިއަދުގެ އަޑުއެހުމުގައި މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމަށް ވެސް ދައުވާ ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އޭނާ މިއަދު ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ ދުވަހެއްގައި ޔޫސުފް ނައީމްގެ ބައިގައި ދައުވާ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވަނީ އިއުލާންކުރައްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު