ރާއްޖޭގެ ވެރިކަމުގެ. ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ޖޫން މަހުގެ ކުރިން ބޭއްވުމަށް ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ 08:30 ގައި އިސްކަންދަރު ސުކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ގައުމީ މަޖިލީހުގެ އެޖެންޑާގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް ކަނޑައެޅުމާއި އެމްޑީޕީގެ ޗެއާޕާސަަން ހޮވުމަށް ބާއްވާ އިންތިހާބާއި ޕާލިމަންޓްރީ ގްރޫޕުގެ އެކި މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅަން ވެސް ވަނީ އެޖެންޑާގައި ހިމަނާފައެވެ.

ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭ އިސްލާހެއް ހުށަހަޅުއްވަން ނިންމަވައި މެމްބަރުންނަށް ފޮނުއްވި ސިޓީގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުން މާ ލަސްވެއްޖެ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑަޅަން ވެފައި އޮތް ކަމަށާއި އެ މަގަށް ދިއުމަށް ކޮންގްރެސް ބާއްވަން ޖެހޭ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކޮންގްރެސް ބާއްވައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ހުށަހަޅުއްވަން ނިންމަވައި އެ ބަދަލުތައް ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނަށް ރައީސް ނަޝީދު ވަނީ ފޮނުއްވާފައެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުން މޮޅުވާ ކެންޑިޑޭޓު ކަނޑައެޅުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަދަލު ގެނައުން ހިމެނެއެެވެ.

އެގޮތުން 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓު ހޯއްދެވި ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއް ބާއްވަން ޖެހޭނީ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ގާނޫނު އަސާސީއަށް ގެންނަން، ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ އިސްލާހުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތް ބަދަލުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ އިސްލާހުތަށް އެމަނިކުފާނު ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދު ރައީސް ސޯލިހް މިހާތަނަށް ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު މިހާރު ވަނީ ފައްޓަވާފައެވެ. ބަރުލަމާނީއަށް ނުގޮސް އެމްޑީޕީއަށް ދެން ވެރިކަމަށް ނާދެވޭނެ ކަމަށް އެމަނިކުފާނު ދާދިފަހުންވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު