އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރިސް ޕޭން
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރިސް ޕޭން
އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމައިފައިވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެެ.

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމާ އެކަން ހާމަކުރެއްވީ އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރިސް ޕޭން އެވެ. އެ ނިންމުން އިއުލާންކުރައްވަމުން އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރިސް ޕޭން ވިދާޅުވީ ރާއްޖޭގައި ދާއިމީކޮށް ގާއިމުކުރާ ހައި ކޮމިޝަނުގެ ސަބަބުން އިންޑިއާ ކަނޑުގެ މުހިންމު އަވަށްޓެރިއަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަަދަވެގެންދާނެ ކަމަށެވެ. އަދި އެއީ އޮސްޓްރޭލިއާއާއި ރާއްޖެއިން ވެސް އެދޭ ގޮތަށް، އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލެވޭ އިތުރު ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމުމުން ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ވަނީ އޮސްޓްރޭލިޔާ ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ވިދާޅުވީ މި ނިންމުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް މިހާރު ކަނޑައަޅާފައި ހުންނަވަނީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާގެ ސަފީރެވެ.

ރާއްޖޭގައި ލަންކާ، އިންޑިޔާ، ބަންގުލަދޭޝް، ޕާކިސްތާނު އަދި ޔޫކޭގެ ހައިކޮމިޝަން ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ޖަޕާން، ޔޫއޭއީ، ޗައިނާ އަދި ސައޫދީ އަރަބިއްޔާގެ އެމްބަސީވެސް ރާއްޖޭގައި ހުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު