އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށާއި އެ އެއްބަސްވުން ހާމަކުރަން ސަރުކާރަށް ނުކުރޭނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ރ. މީދޫގައި މިއަދު ބޭއްވި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އެ ހަރަކާތުގައި ވާހަަކަފުޅު ދައްކަވަމުންނެެވެ. ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ އުުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށެވެ. އުތުރުތިލަފަޅަކީ ދިވެހި ދައުލަތުގެ ފައިސާއިން ބިނާ ކުރަމުންއައި ތަނެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ. އެހެން ނަމަވެސް އެތަން ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެގްރީމަންޓެއްގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަން ކުރާ ރަށާއި ކައިރީގައި އޮތް އުތުރުތިލަފަޅަކީ ނުރައްކަލުން ފުރިގެންވާ ތަނެއް. އެއީ އިންޑިޔާގެ އަސްކަރީ މަރުކަޒެއް. އެއީ އެތަނުގައި ދިވެހި ސިފައިންގެ ނަމުގައި އެއާ ވިންގެއް ހަދަން ވެސް އޮތީ ހުށައަޅާފައި. އެއާވިންގަކީ އެއާފޯސް ބޯޓްތަކާއި އެނޫންވެސް ހަނގުރާމަތީ އުޅަނދު ޖައްސާ ނަގާ ފުރަން އޮންނަ ބަނދަރެއް އެއީ. އެއާއެކު ކަނޑުގެ ބަނދަރު ތަރައްގީ މިކުރަނީ މި ސަރަހައްދަށް ބޭނުންވާ ރާޑަރު ސިސްޓަމާއި ނެވިގޭޝަން ހުރިހާ ސާމަނުތަކާއި އިލެކްޓޯނިކްސް ހުރިހާ ސާމާނެެއްް ގާއިމްކުރަނީ އެތަނުގައި." އުތުރު ތިޅަފަޅުގެ އެއްބަސްވުމުގެ ބައެއް ތަފްސީލްތައް ހާމަކުރައްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.



މީގެ އިތުރުން އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ގޮތުން އެތަނުގައި އިމާރާތް ކުރުމާއި މެނޭޖް ކުރުމާއި އަދި ހިންގުމުގެ ހުރިހާ ބާރެއްވެސް އޮތީ އިންޑިއާގެ އަސްކަރިއްޔާއަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވަނީ އިންޑިޔާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ މަސްކަނޑުތައް ވެސް ވިއްކާލާއިފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމިން ވަނީ އިންޑިޔާއެކު ސިއްރު އެއްބަސްވުންތައް ވި ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމުގެ އިންޒާރު ވެސް ދެެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އުތުރުތިލަފަޅަށް އަންނަ އިންޑިއާ ސިފައިންގެ އަދަދާއި ސިފައިން ތިބޭ މުއްދަތާއި އަދި ސިފައިން ކުރާ ކަންކަމާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ބާރުވެސް ދިވެހި ސަރުކާރަށް ނެތް ކަމަށެވެ. އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ތިންވަނަ ފަރާތަކަަށް އެ އެއްބަސްވުން ނުދެއްކޭނެ ކަމަށްވެސް ލިޔެފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު