ރާއްޖޭގެ ފަތުރުވެރިކަމުގެ ޚާއްސަ އެވޯޑްތަކެއް މިއަހަރުން ފެށިގެން ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މިއަހަރު ދޭން ފަށާ މި އެވޯޑްތައް ކޮންމެ އަހަރަކުވެސް ދޭނެކަމަށެވެ.

މިއެވޯޑްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންކަން ފަހިކޮށްދިނުމަށް ދޭ 4 އެވޯޑާއި، ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ 3 އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑަކާއި ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއެވޯޑްތަކަށް ކުރިމަތިލުމަށް އަންނަ ޖޫންމަހު ހުޅުވާލާނެކަމަަށެވެ. އަދި މި އެވޯޑްތަކަށް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި، ސަފާރީތަކަށްވެސް ކުރިމަތިލެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެވޯޑްތައް ދޭނީ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިވެލުއޭޓް ކުރުމަށްފަހުއެވެ.

ރާއްޖެގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިއަހަރު ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ރާވަފައެވެ.



ކިޔުންތެރިންގެ ހިޔާލު