27 ވަނަ އެޕިސޯޑް

==========

[ޢައިޝާ...އަހަންނަށް އުނދަގޫ ނުކޮށް އަހަރެންގެ ޙަޔާތުން ދުރަށް ހިނގައިދާނަންތަ؟ ޢައިޝާގެ ސަބަބުން އަހަރެންގެ ދިރިއުޅުން މާޔޫސްކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައިވާކަން ނޭނގެނީތަ؟] ނާއިލް ފުންމައިގެން ތެދުވެއްޖެއެވެ.

[ތިހެން ނުބުނޭ...ނާއިލް...ނާއިލްގެ ސަބަބުން އަހަރެން ހިތާމަކޮށް ރޮއިހަދާ މަންޒަރު....ނުފެނޭތަ؟ ތިހެން ހަދަންޏާ...އަހަރެން....ނާއިލްގެ ލޯތްބަށްޓަކައި ފުރާނަވެސް ޤުރްބާންކޮށްފާނަން...] މިހެން ބުނެފައި ޢައިޝާ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް، ލިބުނު ސިހުމާއެކު ނާއިލް ޢައިޝާގެ އަތުގައި ހިފަހައްޓައިފިއެވެ.

[ކީއްކުރަން ތިއުޅެނީ؟ ދާން ތިއުޅެނީ ކޮންތާކަށް؟] ނާއިލް ޢައިޝާގެ އަތުގައި ހިފެހެއްޓިއެވެ.

[ދޫކުރޭ...އަހަރެން ދޫކުރޭ...އަހަރެން ދިޔަދީ....އަހަންނަކަށް ދެން ކެތެއްނުވާނެ. ކެތެއް ނުވާނެ...ފިރިމީހާގެ ލޯތްބާނުލާ....ވަރަށް ދުވަހު ހިތްދަތިކަމުގައި އުޅެވިއްޖެ. ނުހިފަހައްޓާ ދޫކުރޭ...ދޫކުރޭ....] ރޮމުން ގިސްލަމުން ޢައިޝާ މަސައްކަތް ކުރީ ނާއިލްގެ އަތުން ވީއްލިގަންނާށެވެ. ނަމަވެސް ނާއިލް އޭނާގެ އަތުގައި ހިފަހައްޓާފައިވަނީ މާ ބާރަށެވެ.

[ނާއިލް...ކީއްވެތަ އަހަރެން ހިފަހައްޓައިގެން ތިއުޅެނީ. އަހަންނަކީ ނާއިލްގެ އުފާތަކަށް އެޅިފައިވާ ހިޔަންޏެއް. މިހިޔަނީގެ ސަބަބުން ނާއިލްގެ އުފާތަކަށްވަނީ ހުރަސް އެޅިފައި. އަހަރެން ބޭނުންވަނީ...މިދުނިޔެ....ދޫކޮށްފައި ދާން....އޭރުން ނާއިލަށް އުނދަގޫ ކުރާކަށް އަހަންނެއް ނުހުންނާނެ.] މިހެން ބުނެފައި ޢައިޝާ، ނާއިލްގެ އަތުން ވީއްލިގަތުމަށްފަހު ރޮމުން ގިސްލަމުން ދުއްވައިގެންފިއެވެ.

އޭނާ ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ. އެފާޚާނާއަކީ އާދައިގެ ގޭގޭގައި ހުންނަ ކޮޓަރިއެއްގެ ބޮޑުމިނުގެ ފާޚާނާއެކެވެ. ފާޚާނާތެރޭގައި ކުޑަވަރެއްގެ ރެސްޓިންގ ރޫމެއް ހުރެއެވެ. އެއީ ނާއިލް އަމިއްލައަށް ކުރަހައިގެން ހަދާފައިވާ ތަނެއްކަމުން، އެތަން ހެދިފައިވަނީ ޢާންމުކޮށް ގޭގޭގައި ހުންނަ ގޮތްތަކާ ވަރަށް ތަފާތު ގޮތަކަށެވެ.

ޢައިޝާ ފާޚާނާއަށް ވަދެ ތަޅުލުމާއެކު، ނާއިލް ދުވެފައި ގޮސް ދޮރުގައި ޓަކިޖަހަމުން ޢައިޝާއަށް ގޮވަން ފެށިއެވެ. ނަމަވެސް، ޢައިޝާގެ ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ.

[ޢައިޝާ ދޮރު ހުޅުވަބަލަ...މަންމަމެން ތިއަޑަށް މިތަނަށް އަތުވެދާނެ...ދެން ހުޅުވަބަލަ....] ދެންވެސް އޭނާ ދޮރެއް ނުހުޅުވިއެވެ. ދެން އިވުނީ ފާޚާނާގެ ޝަވަރު ދޫކޮށްލި އަޑެވެ. ޝަވަރުން ފެންފައިބާ އަޑާއެކު، ޢައިޝާގެ ގިސްލުމުގެ އަޑުވެސް އިވެމުންދިޔައެވެ. ދެންވެސް ނާއިލް ޢައިޝާއަށް ގޮވަން ފެށިއެވެ.

[ޢައިޝާ ތި ދޮރު ހުޅުވަބަލަ....] އެތައްއިރެއް ވަންދެން ރުއިމަށްފަހު ޢައިޝާގެ އަޑު ފަނޑުވުމުން، ނާއިލް ވަރަށް ކަންބޮޑުވެއްޖެއެވެ. ލޯތްބަށްޓަކައި އިންސާނުން ދީވާނާވެސްވެއެވެ. އަދި މޮޔަވެސްވެއެވެ.

ނާއިލް ހާސްވީ މިކަންތައްތައް ހިތަށްއެރީމައެވެ. އޭނާ އިތުރަށް މަޑުކުރުމެއްނެތި އަލަމާރިތެރެއިން ތަޅުދަނޑިފަތި ނަގައިފިއެވެ. އޭރު އިވެމުންދަނީ ހަމައެކަނި ޝަވަރުން ފެންފައިބާ އަޑެވެ. ބިލިގާތެރެއަށް ފެންއެޅޭ އަޑުވެސް އިވެމުންދިޔައެވެ.

ނާއިލް ނިކަން ހާސްވެފައި ހުރެމެ ފާޚާނާގެ ދޮރު ހުޅުވައިފިއެވެ. ހަމައެއާއެކު، އޭނާގެ ދެލޯ ބޮޑުވިއެވެ. ފުރި ބަންޑުވަމުންދިޔަ ބިލިގާތެރޭގައި ޢައިޝާ އޮތީ ޚަބަރު ހުސްވެފައެވެ. އޭރު އޭނާގެ ގަޔަކު އެއްވެސް ފޭރާމެއްވެސް ނެތެވެ. ނަޞީބު ދިމާކުރިގޮތުން އޭނާގެ ބޯއޮތީ ބިލިގާއިން ބޭރަށް އެލިފައެވެ.

ނާއިލް ވަގުތުން ޢައިޝާ ބިލިގާތެރެއިން ނަގައިގެން ގެންގޮސް ފާޚާނާގެ އެއްފަރާތުގައި ހުރި ރެސްޓިންގ ރޫމްގައިވާ ސޯފާގައި ބާއްވާލުމަށްފަހު، ޢައިޝާގެ އަތްފައި ހޫނުކުރަން ފެށިއެވެ. އިސާހިތު ޢައިޝާ ލޯ ހުޅުވައިފިއެވެ. ހުޅުވުމާއެކު، އަނެއްކާވެސް ރޮއިގަތުމަށްފަހު، އޭނާ ނާއިލްގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ. ބޭއިޚްތިޔާރުގައި ނާއިލްގެ އަތްވެސް ޢައިޝާ ވަށާލައިފިއެވެ.

އެއީ ޢައިޝާ ބޭނުންވާ ގޮތެވެ. ލޯބި ޙާޞިލް ކުރުމަށްޓަކައި ޢައިޝާ ކުރަމުންދާ މަސައްކަތުގައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެރޭ އޭނާގެ މަޤްޞަދު ޙާޞިލް ކުރެވުނެވެ. ފުރަތަމަފަހަރަށް ކައިވެންޏަށްފަހު ފިރިމީހާގެ ލޯތްބާއި ލައްޒަތު ލިބުނެވެ.

ޖެހިގެން އައި ދުވަހު އިރުއެރީ ޢައިޝާއަށް މުޅިން ތަފާތު އުފާވެރި ދުވަހެއްގެ ގޮތުގައެވެ. ނަމަވެސް، އެރެޔަކީވެސް ޙަޤީޤަތުގައި އެކްސިޑެންޓެކެވެ. އެރޭ ހިނގި ކަމެއްގެ ސަބަބުން ނާއިލްގެ ހިތެއް ބަދަލެއް ނުވެއެވެ. އޭނާގެ ހިތުގައިވާ ޒޭނާގެ ލޯތްބަކަށް ކުޑަވެސް ހީނަރުކަމެއް ނާދޭމެއެވެ.

[އިރާދަކުރެއްވިއްޔާ، ރެޔަކީ ވަރަށް ކާމިޔާބު ރެއެއް. އަނެއްހެން ބުނަންޏާ، ބުނެވޭނީ އަހަރެންގެ މަޤްޞަދު ޙާޞިލް ވެއްޖެޔޭ.] ޢައިޝާ އުފާވެރި ޚަބަރު، އޭނާގެ ރަޙްމަތްތެރިޔާ ސީނާއަށް ދިނެވެ.

[އަޞްލުވެސްތަ؟ އަޅެ ކިހިނެއް ހެދީ...އަނެއްކާ ކޮންކަހަލަ ފަންޑިތައެއްތަ ހަދައިގެން ތިއުޅެނީ. ޢައިޝާއަށް ތިކަމުގައި ކާމިޔާބު ލިބުމަކީ، އަހަންނަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް.] ސީނާ ޢައިޝާގެ އުފަލުގައި ބައިވެރިވިއެވެ.

[ސީނާއަށް އެނގޭތަ، ޙަޤީޤަތުގައިވެސް އަހަންނަކީ ހަމަ ފައްކާ ސްޓާރެއް.....ފިލްމް ކުޅެން ފަށައިފިއްޔާ އެވޯޑަށް ވާދަކުރެވޭނެ. ރޭގައި އެވަރުގެ ރޯލެއް އަދާކުރެވުނީ....] ތިހެން ބުނެފައި ޢައިޝާ ހީގަތެވެ.

އެއަށްފަހު، އެރޭ ކަންތައް ހިނގިގޮތް އޭނާ ވަރަށް ތަފްޞީލުކޮށް ރަޙްމަތްތެރިޔާއަށް ކިޔާދިނެވެ.

[ތެދެއް ޢައިޝާ ތިބުނީ. ތީ ހަމަ ފައްކާ ސްޓާރެއް. އޭނާ ހީކުރީ ހޭނެތިފައި އޮތީ ކަމަށްދޯ؟] ސީނާގެ ގާތަށްވެސް ހިނިއައެވެ.

[އާނ...ވަރަށް ހާސްވެފައި ހުރީ. ރޭގައި ވަރަށް ގާތްކޮށް ވާހަކަވެސް ދެއްކި...އެކަމަކު ހެނދުނު ތެދުވިއިރު މޫނުމަތި ހީވީ ކަޅުވިލާގަނޑެއްހެން...ހަމަ އަޅާވެސްނުލާ. ސައިވެސް ނުބޮއި ދިޔައީ....] ޢައިޝާ ކުއްލިއަކަށް މާޔޫސްވިއެވެ.

[ތިއީ ކޮންކަހަލަ ފިރިހެނެއްބާ؟ ޒޭނާޔާ ހެދި ވަރެއްވެފަދޯ ހުންނަނީ. އެޒޭނާވެސް އެހެން މީހަކާ އިންނާނެނަމަ ކިހާ ރަނގަޅުދޯ؟] ސީނާ ބުންޏެވެ.

[ތިކަމުގައިވެސް އަހަރެން އެބަ މަސައްކަތް ކުރަން. މިހާރު އެއްކަލަ އަހަރެމެންނާއެކު ކިޔަވަން އުޅުނު ހައިޝަމަށް ޒޭނާގެ ނަންބަރުދީގެން، އެކަން ކުރުވަން ވަރަށް އެބަ މަސައްކަތް ކުރަން....މިހާރު މަދުމަދުން އޭނާ އެގެއަށްގޮސްވެސް ހަދާ. ހައިޝަމް ބުނީ ޒޭނާގެ މަންމަ ވަރަށް ރުހެޔޯ...އެކަމަކު އަދި ޒޭނާ އެއްބަހެއް ނުވެޔޯ.....] ޢައޝާ ބުންޏެވެ.

ހައިޝަމްވެސް ޒޭނާ ކާމިޔާބު ކުރެވޭތޯ ކުރާ މަސައްކަތަކީ، ޢައިޝާއަށް އޭނާގެ ލޯބި ޙާޞިލް ކުރުމަށް މަގު ކޮށައިދިނުމަށްޓަކައި ކުރާ މަސައްކަތެކެވެ. ހައިޝަމް ކޮންމެހެން ޒޭނާދެކެ ލޯބިވާތީ ކުރަން އުޅޭ ކަމެއް ނޫނެވެ.

ފުރަތަމަ ހައިޝަމް ޒޭނާ ކާމިޔާބު ކުރަން މަސައްކަތް ފެށީ ޢައިޝާ ބުނެގެން ކަމުގައިވިޔަސް، މިހާރު އޭނާގެ ހިތުން ޒޭނާއަށް ވަނީ މަޤާމެއް ދެވިފައެވެ. ޒޭނާގެ ކިބައިން ފެނުނު ދިރިއުޅުމުގެ ވައްޓަފާޅިއަކީ މީގެކުރިން އެޢުމުރު ކުއްޖެއްގެ ކިބައިން އޭނާ ދެކެފައިވާ ސިފަތަކެއް ނޫނެވެ.

ޒޭނާގެ ކިބައިގައިވާ އެރީތި ސިފަ ފާހަގަނުކުރާ ފިރިހެނުން ވަރަށް މަދުވާނެއެވެ. އޭނާ ދަންނަ ކޮންމެ މީހަކުވެސް އޭނާއަށް ތަޢުރީފު ކުރެއެވެ.

މިހާރު ހައިޝަމް މަސައްކަތް ކުރަމުންދަނީ ސީދާ ޒޭނާ ޙާޞިލް ކުރުމަށެވެ. އޭނާ ބޭނުންވަނީ ޒޭނާއާ ވާހަކަ ދައްކައިގެން ރުއްސައިގެން ޒޭނާގެ ލޯބި ލިބިގަންނާށެވެ.

އެހެން ނަމަވެސް، އަދި އޭނާއަކަށް ޒޭނާގެ ހިތުން ކުޑަވެސް ޖާގައެއް ނުލިބޭމެއެވެ.

ޒޭނާ ޑޮކްޓަރ ނާއިލް ނޫން މީހަކާމެދު އެއްވެސް ފިކުރެއް ނުކުރެއެވެ. ޑޮކްޓަރ ނާއިލަކީ އެމީހެއްގެ ހަނދާންތަކުން ޒޭނާއަށް އެއްކިބާވެވޭނޭ މީހެއް ނޫނެވެ. ނާއިލްގެ ނަން ޒޭނާގެ ހިތުގައި ކެނޑި ބިންވަޅު ނެގިފައިވަނީ ކަށްވަޅަށް ދާންދެންވެސް ދެމިގެންދާނޭފަދަ ގޮތަކަށެވެ.

[މަންމާ...އަހަންނަކަށް ނާއިލްގެ ހަނދާންތަކާ ދުރަށް ނުދެވޭނެ. އެއްވެސް މީހަކަށް އެމަޤާމް ނުދެވޭނެ. އެކަމަކު އަހަރެން ވަރަށް މަސައްކަތް ކޮށްފިން، އެހަނދާންތަކާ ދުރަށް ދެވޭތޯ. ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު އެކަނިވާ ކޮންމެފަހަރަކު ހީވާކަހަލަ ނާއިލް އަހަރެންގެ ގާތުގައި ހުންނަނިއްޔޭ.] ނާއިލްގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކުވެސް، އޭނާގެ ލޮލުން ކަރުނަހިލެއެވެ. ރޮވެއެވެ. އެހެންނަމަވެސް، އެހިތްދަތިކަން މަންމައަށް ފޮރުވަން އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ.

[ދަރިފުޅާ...ދަރިފުޅުގެ ތިޔަޙާލަތާމެދު ވިސްނާ ވިސްނާ މަންމަގެ ސިކުނޑި ސުމަކަށް ހިނގައްޖެ. ދަރިފުޅާމެދު ވިސްނާ ވިސްނާ މަންމަ މޮޔަވާވަރު ވެއްޖެ. މަންމަ އުއްމީދު ކުރަން، ދަރިފުޅު ހައިޝަމްއާމެދު ވިސްނާނެ ކަމަށް.] ޒޭނާގެ ބޮލުގައި ފިރުމާލަމުން ޒާހިދާ ވާހަކަ ދެއްކިއެވެ.

[އަހަރެން އޭނަޔާމެދު ވިސްނަމޭ. ކިތަންމެ ވިސްނިޔަސް، ހިތުން ޖާގައެއް ނުދެވޭނެ. ނުދެވޭނެ...ހިތުގައި ކުޑަކޮށްވެސް ލޯތްބެއް ނުއުފެދޭ....މަންމާ....އަހަރެން އިހަށް ނާއިލްގެ ހަނދާންތަކާ ދުރަށް ދެވެންދެން މިގޮތަށް ހުހަށް ހުންނާނީ....] ޒޭނާގެ ލޮލުން ކަރުނައިގެ ތެތްކަން ފާޅުވިއެވެ. ނަމަވެސް، މަންމައަށް ފެނުމުގެ ކުރިން އޭނާ ކަރުނަތައް ފޮހެލައިފިއެވެ. އަދި އަވަސް އަވަހަށް އެތަނުން ދާން މަސައްކަތް ކުރިވެސްމެއެވެ. ނަމަވެސް އެވަގުތަކީ ހައިޝަމް އައިސް އެގެއަށް ވަން ވަގުތުކަމުން، ޒޭނާ ހުއްޓުނެވެ.

އެއީ ޒޭނާގެ ކިބައިގައި އަށައިގެންފައިވާ ރީތި އާދަތަކުގެ ތެރެއިން އާދައެކެވެ. މެހްމާންދާރީ އަދާކުރުމުގެ ރީތި ސިފަ އޭނާއަށް ލިބިފައިވަނީ، އެ ޢުމުރުގެ އެހެން އަންހެން ކުދިންނާ މާބޮޑަށްވެސް ޚިލާފު ދަރަޖައަކަށެވެ.

ކޮންމެފަދަ މީހަކު އެގެއަށް އަޔަސް، އޭނާގެ އެސިފަ ފެންނާނެއެވެ. ހަތުރެއް، ދުޝްމިނެއް، މިތުރެއް، އެކުވެރިއެއް އޭނާ ތަފާތެއް ނުކުރެއެވެ. އޯގާތެރިކަމާއެކު ކޮންމެ މީހަކާވެސް އޭނާ ކުރިމަތިލާނެއެވެ.

[ޒޭނާ...އަހަރެން އަދިވެސް މި އިންތިޒާރު ކުރަނީ ޒޭނާ ހިނގަމުންތިދާ މަގު ބަދަލުކުރާނޭ ދުވަހަކަށް. އަހަންނަށްވެސް އިޙްސާސް ކުރެވޭ...ޒޭނާގެ ޙާލަތު. ގަދަކަމުން އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެ. އަހަރެން ޤަބޫލުކުރަން، ޒޭނާއަކީ ލޯބީގެ މައިދާނަށް އުފަންވެފައިވާ ނަމޫނާ އަންހެން ކުއްޖެއް ކަމަށް. އެކަމަކު ހިތާމައާއި ހިތްދަތިކަން ބަރުދާސާތު ކުރަމުން ޒޭނާގެ އެއްވެސް ކުށެއްނެތް ނަފްސަށް ހާނިއްކަވަމުން ދިޔުމަކީ އެއްވެސް އިންޞާފެއް ނޫން.] ޒޭނާގެ މަންމަ ޒާހިދާ، އެތަނުން ދިޔުމާއެކު ހައިޝަމް ނުހަނު އޯގާތެރިކަމާއެކު ޒޭނާއާ ވާހަކަ ދެއްކިއެވެ.

[ހައިޝަމް....އަހަރެންގެ ނަފްސަށް އަނިޔާއެއް ނުދެން. ޤަޞްދުގައި އެއްވެސް ކަމެއް ނުކުރަން. ދުނިޔެ ބަދަލުވެ، އަހަރެންގެ މުސްތަޤްބަލަށް ހިޔަނި އެޅިގެން ދިޔައީ ހިތަށްވެސް އަރާފައިނުވާފަދަ ގޮތަކަށް...އަހަރެން ވަރަށް ބޮޑަށް އެދެން ހައިޝަމް ތިޔަ މޭރުމުން އަހަންނާ ވާހަކަ ނުދެއްކުމަށް. ތިޔަ ވާހަކަތަކުގެ ސަބަބުން އިތުރަށް މާޒީގެ ތެރެއަށް ވަދެވުން ނޫން ކަމެއް ނުވޭ....ހައިޝަމް އަހަންނާ ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ؟] ޒޭނާ އޭނާގެ ލޮލަށް ފޭދެމުންދިޔަ ކަރުނަތައް، އަތުގެ ނުފުށުން ފޮހެލައިފިއެވެ.

[ޒޭނާ ތިހެން އެދުނީމާ، މީގެފަހުން އެފަދަ އެއްވެސް ވާހަކައެއް ހައިޝަމް ނުދައްކާނަން. އާނ ނުދައްކާނަން. އެކަމަކު އަހާލަފާނަން، ހައިޝަމް މިގޮތަށް މިގެއަށް ވަދެ އުޅުމަކީ މައްސަލައެއްތަ؟] ހައިޝަމް ޒޭނާގެ ލޮލަށް ބަލައިލަމުން ބުންޏެވެ.

[މިގެއަށް ވަނުމަކީ އެއްވެސް މައްސަލައެއް ނޫން. އެއްވެސް ހުރަހެއްނެތް. ހަމަ އައިސް ގޮސް ހެދޭނެ. ދުނިޔެވީ އެހެން ވާހަކަތައް ދެއްކުމަކީވެސް މައްސަލައެއް ނޫން.] ޒޭނާ ގަދަކަމުން ހިނިތުންވުމުގެ އަސަރު މޫނުމައްޗަށް ވެރިކުރުވިއެވެ.

[ޝުކުރިއްޔާ...ޒޭނާ....ދެން...މިވަގުތު ހައިޝަމް ދަނީ އިނގޭ....] ހައިޝަމް ހިނގައިގެންފިއެވެ. އެދުވަހަށްފަހުވެސް ހައިޝަމް ކޮންމެ ދުވަހަކުވެސް އެއްފަހަރު އެގެއަށް ވަދެލައެވެ.

ޙަޤީޤަތުގައި ހައިޝަމާމެދު ޒޭނާގެ ބައްޕަވެސް ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. ތަފާތު އެތައްފަހަރަކު އޭނާ ހައިޝަމަށް ތަޢުރީފު ކޮށްފައި، އެގޭގައި ވާހަކަވެސް ދައްކައިފިއެވެ.

ނަމަވެސް، އޭނާއާ ގުޅޭށެކޭ ފާޅުގައި އޭނާ ޒޭނާ ގާތަކު ނުބުނެއެވެ. އޭނާ ހައިޝަމަށް ތަޢުރީފް ކޮށްފައި ވާހަކަ ދައްކަނީ ހަމައެކަނި ޒާހިދާ ގާތުގައެވެ.

ހައިޝަމް ޒޭނާގެ ލޯބި ޙާޞިލް ކުރެވޭތޯ މަސައްކަތް ކުރަމުންދާއިރު، ޢައިޝާ ދަނީ ނާއިލްވެސް އޭނާއަށްޓަކައި ހުސްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އޭނާގެ މަސައްކަތަކަށް އަދި ކާމިޔާބެއް ނުލިބޭމެއެވެ. ނާއިލް އެންމެ ރެޔަކު އޭނާގެ މަޅީގައި ޖެހިގެންދިޔަ ކަމުގައިވިޔަސް، އެކަން ދާއިމީ ކުރެވޭނޭ އެއްވެސް އަލިމަގެއް އަދިވަނީ ނުފެނިއެވެ.

[ޢައިޝާ...ޕްލީޒް ޢައިޝާ....އަހަރެންގެ ހަނދާންތަކާ ދުރަށްދާންވީނު...އަހަންނަށް އައިޝާ އުނދަގޫ ނުކޮށްބަލަ....] ނާއިލް ޢައިޝާއާ ވާހަކަ ދެއްކީ ކޮޓަރީގައި ހުރެއެވެ.

[ތިހެން ނުބުނެބަލަ ނާއިލް....މީއަކަށް ނާއިލާ ވަކިން ނޫޅެވޭނެ....] ޢައިޝާ ނާއިލްގެ އަތުގައި ހިފެހެއްޓިއެވެ.

[ނޫން...އަހަރެން ކިތަންމެ މަސައްކަތް ކުރިޔަސް، ޢައިޝާދެކެ ލޯތްބެއް ނުވެވޭނެ. އަހަރެން ބޭނުންވަނީ ޢައިޝާ މިނިވަން ކުރަން. އަހަރެން ބޭނުންވަނީ ޒޭނާ، އަހަރެންގެ ޙަޔާތަށް ގެންނަން. އަހަންނަށް ޒޭނާގެ ލޯތްބާނުލާ ދިރިއުޅުމުގެ އެއްވެސް އުފަލެއް ނެތް....] ނާއިލްގެ މިޖުމްލައިގެ ސަބަބުން ޢައިޝާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

[ތިހެން ނުބުނޭ....ނާއިލް، އަހަރެން ނާއިލަށް ޒޭނާގެ ހަނދާންތަކާ ދުރަށް ދެވޭވަރަށް ލޯބިދޭނަން. އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ނުކުރޭ ނާއިލް....މިހާރު ޒޭނާވެސް ތައްޔާރުވަމުން އެދަނީ ހައިޝަމާއި އޭނާގެ ކައިވެންޏަށް. އެ އުފާވެރި ކައިވެންޏަށް ހުރަސްއަޅައި، ޒޭނާއަށް ލިބެން އުޅޭ ދިރިއުޅުމަށް ހުރަސްއަޅަން މަސައްކަތް ނުކުރޭ....ނާއިލް...ޒޭނާވެސް އެހެން ކައިވެންޏަކާމެދު ވިސްނައި، އެގޮތަށް ނިންމާފައި ވަނީ، އަހަރެމެންގެ މިއުފާވެރި ދިރިއުޅުމުގެ ތެރެއަށް ވަންނަން ބޭނުންނުވާތީ....] ޢައިޝާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ.

[މިއީ އުފާވެރި ދިރިއުޅުމެއް ނޫނޭ....މިއީ އަހަންނަށް ފެނިފައިވާ ގޮތުން ހިތްދަތިކަމުން ފުރިގެންވާ ދިރިއުޅުމެއް. މިދިރިއުޅުމުން އަހަންނަށް އުފަލުގެ ކުޑަވެސް އިޙްސާސެއްނުވޭ....] ނާއިލް ހީވަނީ ގަނޑުވެފައި ހުންނަހެންނެވެ.

ޙަޤީޤަތަކީވެސް އެއީއެވެ. އެކައިވެނީގެ ސަބަބުން އޭނާގެ ދިރިއުޅުން ވަނީ ވޭނަކަށްވެފައެވެ. ޙަޔާތަށް ވަނީ އަނދިރި ވިލާތަކެއް ވެރިވެފައެވެ. ކައިވެންޏަށްފަހު މަސައްކަތުގެ މައިދާނުގައިވެސް އޭނާގެ ޙަރަކާތްވަނީ ވަރަށް ބޮޑަށް ފަނޑުވެގެން ގޮސްފައެވެ.

ތަޢްލީމް ޙާޞިލްކޮށްގެން އައިސް ހޮސްޕިޓަލްގެ ވަޒީފާއަށް ނުކުމެގެން އުޅުނު ދުވަސްވަރު އޭނާއަކީ ޢާންމުންގެ ކުރމަތީގައި ވަރަށް މަޤްބޫލު ޑޮކްޓަރަކަށްވި ކަމުގައިވިޔަސް، މިހާރު އޭނާއަށް ލިބުނު އެ ރީތި ނަންވެސް ދަނީ މަޑުމަޑުން ފަނޑުވަމުންނެވެ. ގިނަބަޔަކު މިހާރު އޭނާ ފަރުވާކުޑަކަމަށްވެސް ބުނެއެވެ. އަދި ބަލިމީހުންނަށް އަޅާލުން ކުރިޔާ ޚިލާފަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރާ މީހުންވެސް މަދެއް ނޫނެވެ.

ބައެއް ޢާންމުންގެ އެ ޝަކުވާތަކުގެ އަޑު، ކޮންމެވެސްވަރަކަށް މިހާރު އޭނާގެ ބައްޕަ އިލްޔާސްއާ ހަމައަށްވެސް އަރައިފިއެވެ. އެ އަޑު އިވުމުން، އިލްޔާސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނުވެސްމެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


12

ހިންދު

27-May-2020

އައިޝާ ނުބައި އަންހެނެއް ވާހަކަ ކިޔާ ކުދިން އެސައިތޯނާ ކޮޕީ ނުކުރާތި ވަރަށް ވަރަށް ރީތި ވާހަކަ އެއް މިއީ ކިޔާ ހުތުން ކިޔާލެވޭ


29

ޙަސަނު

26-May-2020

ސަޅި ވާހަކަ އެއް


25

ޒަހިރާ

26-May-2020

ދިގު ވާހަކަ އެއްގައި ހުންނަން ޖެހޭ ހުރިހާ ރަހަތަކެއް އެއްމެ ފުރިހަމަ އަށް މި ވާހަކައިގަ އެބަހުރި


-7

ރާޔާ

26-May-2020

ފުރިހަމަ މޮޅު ވާހަކަ އެއް


-2

ޒާހިރު

26-May-2020

ވަރަށް ސަޅި ވާހަކަ އެއް މިހާރީތި ފުރިހަމަ ދިވެހިވާހަކަ އެއް އަދި ނުކިޔޭ



ޓްރެންޑިން