ރައްޔިތުންނަށް ކަންކަން ހާމަކޮށްދީގެން ނޫނީ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ މިދިޔަ ޖެނުއަރީމަހު ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުންކުރައްވާފައިވާ މަސައްކަތްތަކާއި ބެހޭ ތަފާސް ހިސާބުތައް އާއްމުކުރައްވަމުންނެވެ.

ޝަމީމް ވިދާޅުވީ މަޢުލޫމާތާއި ތަފާސްހިސާބަކީ ޢާންމު މަޢުލޫމާތުކަމަށާއި ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ދާއިރާގެ އެންމެ އަސާސީކަމަކީ، މަޢުލޫމާތު ސިއްރުނުކޮށް ޢާންމުކުރުމާއި ހާމަކަން އިތުރުކުރުންކަމަށެވެ. އަދި ޓްރާންސްޕޭރަންސީގެ ޒަރީޢާއިން މެނުވީ ރައްޔިތުންގެ އިތުބާރު ނުލިބޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވީއްސުރެ، ތަފާސް ހިސާބާއި ނަންބަރަށް ބަލައިގެން ސިޔާސަތު ބައްޓަންކުރަން އެބަ މަސައްކަތް ކުރަމެވެ. މިކަމަށް ބޭނުންވާ މަޢުލޫމާތު ހޯދޭނެ ގޮތަށް، އޮފީހުގެ އެތެރޭގެ ނިޒާމުތައް ވަނީ ބަދަލުކުރެވިފައެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ޔުނިސެފުގެ އެހީތެރިކަމާއެކު، މިމަސައްކަތް ދާއިމީ ސިފައެއް ކުރެވޭނޭގޮތަށް މުވައްޒަފުންވެސް ދަނީ ތަމްރީނުކުރަމުންނެވެ. މިމަސައްކަތަށް ވަގުތާއި ފައިސާ އިންވެސްޓު ކުރާތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެއެވެ." ޕީޖީ އޮފީހުގެ މައުލޫމާތު ހިއްސާކުުރުމާއި ގުޅޭގޮތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތަފާސް ހިސާބު އާއްމުކުރުމުން ކޮރަޕްޝަނާއި ފަސާދަވެސް ހުއްޓުވޭނެކަމަށެވެ.

"މިސާލަކަށް، ދައުލަތުގެ މުވައްޒަފަކު، ވަކި ދުވަހަކު ވަކި ކަމެއް ކުރަން އޮވެފައި، އެދުވަހުގެ ކުރިން ދުވަހަކުވެސް އެކައުންޓަށް ފައިސާ ޖަމާ ނުކުރާ މީހެއްގެ ފަރާތުން، ދައުލަތުގެ މުވައްޒަފުގެ އެކައުންޓަށް، މިދެންނެވި ދުވަހު ފައިސާ ވަދެއްޖެނަމަ، އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލިދާނެއެވެ. މަޢުލޫމާތު ހާމަކުރާނަމަ، މިކަންކަމަކީ ފާހަގަވާނެ ކަންކަމެވެ." ޝަމީމް ވިދާޅުވިއެވެ.



ޝަމީމް ވިދާޅުވީ ކޮންމެ މަހެއްގެވެސް ފުރަތަމަ ހަފްތާގެ ތެރޭގައި، ވޭތުވެދިޔަ ހަފްތާގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަން ހިނގައިދިޔަ ގޮތާބެހޭ ގިނަ މަޢުލޫމާތުތަކެއް ހާމަކުރެވޭތޯ މަސައްކަތްކުރާނެކަމަށެވެ. ޝަމީމް ވިދާޅުވީ މިމަޢުލޫމާތުތައް ހާމަކުރުމަށް، އޭނާގެ ހިތުގައި އޮތް ސޮފްޓްވެއަރ އަދި ނުލިބޭކަމަށާއި އެހެންކަމުން، މިމަހު އެ މައުލޫމާތު ހާމަކުރާނީ، ޕީޖީ އޮފީސް ވެބްސައިޓުގައި، މައިކްރޯސޮފްޓް އެކްސަލްގައިކަމަށެވެ.

"މިހިސާބުތައް ނަގައި، އެއްކޮށް ޢާންމުކުރުމުގެ މަސައްކަތަކީ، އަދި މުޅިން އަލަށް ކުރަން ފަށާ ކަމަކަށްވާތީ، މިހިސާބުތަކުގައި ބައެއް އޮޅުންބޮޅުމާއި ކުށް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަށްޓަކައި ކިޔުންތެރިން ކިބައިން މަޢާފަށް އެދެމެވެ. ނަމަވެސް، މިހިސާބުތައް ވަނީ އެތައް ފަހަރަކު ޗެކު ކުރެވިފައެވެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތަނުގައި، ގަވާއިދުން މިކަން ކުރެވެން ފެށުމުން، އެގޮތަށް ހުރި ކުށްތައް ރަނގަޅު ކުރެވި، އިތުރަށް ތަފްޞީލު ކުރެވެމުންދާނެއެވެ. މިއަންނަ މަހުގެ ހިސާބުތަކުގައި، މަތީ މަރްޙަލާގެ ކޯޓުތަކުގެ ހިސާބުތައްވެސް ހިމަނަން އެބަ މަސައްކަތް ކުރަމެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާގެ އުއްމީދަކީ، މިހިސާބުތަކަކީ، ސިޔާސަތު ހައްދަވާ ބޭފުޅުންނާއި، ކިޔަވާ ކުދިންނާއި ނޫސްވެރިންނަށް ބޭނުންތެރި އެއްޗަކަށްވުންކަމަށެވެ. އަދި، އެބޭފުޅުންގެ މަސައްކަތްކުރާ ގޮތާއި ފެންވަރު ޢާންމުންގެ ކުރިމަތީގައި ވަޒަންކުރެވި، ފެންވަރު ރަނގަޅު މަސައްކަތެއް ކުރުމަށް ބާރުއެޅޭނެކަަމަށް އުއްމީދުކުރައްވާކަަމަށް ޝަމީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު