މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަށް ދައްކާގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 4 ބިލިއަނަށް އަރާފައެވެ. މިއީ 49 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުން ކަމަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 54 އިންސައްތަ ބޭރުކޮށްފައިވަނީވެސް އެ ގައުމަށް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަށް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 30 އިންސައްތަ އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 240 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި 312 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު