މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ މާލެ އަތޮޅު ކުޑަގިރީގައި މިސްކިތަކާއި އިންޖީނުގެއެއް އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

‏ޕިކްނިކްދާ ރަށެއްގެ ގޮތުގައި ތަރައްެޤީ ކުރެވޭ ކ. ކުޑަގިރީގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިރަސްމިއްޔާތުގައި ފައިސަލް ނަސީމްގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު، ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އަދި ފެނަކައިގެ އެމްޑީ މުހައްމަދު ސައީދު ބައިވެވަޑައިގަތެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ މިއަހަރުގެ މިނިވަން ދުވަހަށް އެ ތަންތަން ބޭނުންކުރެވޭ ވަރަށް ނިންމާނެކަމަށެވެ.



މާލެ އަތޮޅު ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެމްބަރުމަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ކުރާނެ މަސައްކަތްތަކަކީ 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 428.32 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމެވެ.

މި މަޝްރޫއުގައި ހިމެނޭ ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ހަވާލުކުރީ ސްޓެލްކޯއާއެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެއްސީއާއެވެ.

މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ‏41،487،304.04 ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު