ބޯޑަރު ހުޅުވިފަހުން އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިއްޔެ ކަމަށާއި އެެއީ އާ ރެކޯޑް އަދަދެެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިރޭ ބުނީ، އިއްޔެ ރާއްޖެއަށް 7،668 ފަތުރުވެރިން ޒިޔާރަތްކުރިކަމަށެވެ. އެއީ ކޮވިޑާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައި ދުވަސްކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.



ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކުރަނީ 4،469 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 171،982 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 119،501 ފަތުރުވެރިންނެވެ. އެއީ 43.9 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަަކޮށްލެވެއެވެ.

ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައެވެ.



ކިޔުންތެރިންގެ ހިޔާލު