ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި ދިވެހިން އެގައުމުން ފުރައިގެން ދިޔުމަށް އަންގައިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހަނގުރާމަ އެއްގެ ވިލާގަނޑުގެ ދަށުގައި އޮތް ޔޫކްރެއިނަށް ރަޝިއާ ސިފައިން އަރައި، އެ ގައުމު ހިފާފާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން ފައިބަން ގިނަ ގައުމުތަކުން މިހާރު ވަނީ އަންގާފައެވެ. އެހެންކަމުން އެ ގައުމުގައި ހުރި ބައެއް ގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް، ޑިޕްލޮމެޓުން ވެސް ޔޫކްރެއިނުން މިހާރު ވަނީ ފައިބަން ފަށާފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ޔޫކްރެއިންގައި މިވަގުތު 50 އަކަށް ދިވެހިން ތިބިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. ޔޫކްރެއިނާއި ޖެހިގެން އޮންނަ ބެލަރޫސްގައިވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު ޔޫކްރެއިން އަދި ބެލަރޫސްގައިވެސް ގިނައީ ދިވެހި ކިޔަވާ ކުދިންނެވެ. ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމާ ބެހޭގޮތުން ދިވެހި ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރަޝިއާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ޖަމާކޮށްފައެެވެ. ޔޫކްރެއިން ހިފަން އުޅޭކަމުގެ ތުހުމަތު ރަޝިއާއިން ވަނީ ދޮގުކޮށްފައެެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ނޭޓޯގެ ގިނަ ގައުމުތަކުގެ ސިފައިން ޔޫކްރެއިނާ ކައިރި ގައުމުތަކަށް މިހާރު ފޮނުވަމުންދާ ކަމަށް ރިޕޯޓްތަށް ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު