އަހުމަދު މަސްނޫމް   14 ފެބްރުއަރީ 2022 - 18:57
2012 ވަނަ އަހަރު ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރި ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ ކުރީގެ ޗެއާމަން މުހައްމަދު އިމްތިޔާޒުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހިޔާނާތަކަކީ 2012 ވަނަ އަހަރު ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ ދަށުން ފެލިވަރު ހިންގިއިރު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެކެވެ.

މިމައްސަލައިގައި ދައުލަތުން އިންތިގެ މައްޗަށް ދައުވާކުރަނީ، އޭނާ އެ ކުންފުނީގެ ޗެއަރމަންގެ މަޤާމުގައި ހުރިއިރު 1،535،063 ރުފިޔާގެ އަގުހުރި 2000 މަސް ކޭސް އޭނާގެ އާއިލީ ވިޔަފާރީއަކަށް ކްރެޑިޓަށް ދޫކުރި މައްސަލައާ ގުޅިގެންނެވެ.

އިންތިގެ އިތުރުން އޭރު ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރއަކަށް ހުންނެވި އަލީ އަހްމަދުގެ މައްޗަށްވެސް ދައުވާކުރެއެވެ. އިންތިއާއި އަލީ އަހުމަދުގެ މައްޗަށްވެސް ދައުވާކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުރާ ދައުވާގެ އިތުރުން ދައުލަތަށް ނުލިބިވާ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ.

މިމައްސަލަ ބެއްލެވުމަށްފަހު ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތިދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުންފުނީގެ ކުރީގެ ޗެއަރމަން އިމްތިޔާޒް އެ ހިޔާނާތުގައި ބައިވެރިވުމަށް ކޮށްފައިވާ އަމަލަކީ ކޮބާކަން ދައުލަތަށް ބުނެދެވިފައި ނުވާތީއެވެ. އަދި އެކަމުން ނާޖާއިޒު ފައިދާ ލިބުނުކަމަށް ދައުލަތުން ބުނާއިރު، އިމްތިޔާޒަށް ލިބުނު ފައިދާއަކީ ކޮބައިކަން ދައުލަތަށް ޝަރީއަތުގައި ކިޔައިދެވިފައި ނުވާކަމަށްވެސް ހުކުމްގައިވެއެވެ.

މީގެއިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ފަރާތުންވެސް ކްރެޑިޓް ތަކެތި ދޫކުރުމުގައި މުއާމަލާތުގައި ދައުވާ ލިބޭ ފަރާތުގެ ޝާމިލުވުމެއް އެއްވެސް ވަރަކަށް ނެތްކަން ދޭހަވިކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

ފެލިވަރު ފިޝަރީސް މޯލްޑިވްސްގެ ކުރީގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު