ރައްޔިތުންގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ ޖަލްސާއެއް ކުރިއަށް ދަނީ
ލޯކަލް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނު އަސާސީއަށް އިޞްލާޙުގެނަމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ޤާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ.

މިހާރު އިންތިޚާބުކޮށްފައިވާ ކައުންސިލަރުން އިންތިޚާބުކޮށްފައިވަނީ 3 އަހަރުގެ ދައުރަކަށެވެ. ނަމަވެސް ޤާނޫނު އަސާސީ އިޞްލާޙުކޮށް މިހާރު ވަނީ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކޮށްފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އިޞްލާޙުކޮށްފައެވެ.

މި ދަނޑިވަޅުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވާއިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ކައުންސިލް މެންބަރުންގެ ދައުރު ދިގުދަންމަން ބިލެއްވެސް މަޖިލީހަށް ހުށައަޅުއްވާފައެވެ.

ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ލަފާދެއްވާފައިވަނީ، މިހާރު އިންތިޚާބު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ދައުރު އިތުރުކުރެވޭނީ، ޤާނޫނުއަސާސީއަށް އިޞްލާހު ގެނެސްގެންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލް މަޖިލީހުގެ އެޖެންޑާގައި ހިމަނައި އެބިލުގެ ބަހުސް ފަށާފައެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ޖޫން މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން