ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް އެއްބަސްވުމެއް ސަރުކާރުން ޤާއިމްކޮށްފައި ނުވާނޭކަން ދިވެހި ހާރިޖިއްޔާއިން ކަށަވަރުކޮށްދީފި އެވެ.

ދިވެހި ހާރިޖިއްޔާއިން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅޭގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް ދިވެހި ހާރިޖިއްޔާގެ އިސްބޭފުޅުން ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ ހާޒިރުވެވަޑައިގެންފައެވެ.

ކޮމިޓީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސްޓޭޓް މިނިސްޓަރ ހަލީލް ވިދާޅުވީ ކުރީގެ ސަރުކާރަކުންވެސް އަދި މިއަދުގެ ސަރުކާރުންވެސް ދިވެހިންނަށް ގެއްލުންވާ އެފަދަ އެއްވެސް އެއްބަސްވުމެއް، މުއާހަދާއެއް ނުވަތަ ޤަރާރެއްގައި ވެސް ސޮއިކޮށްފައި ނުވާކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.



ޙަލީލް ވިދާޅުވީ ރާއްޖޭގައި ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން އެ ގައުމުގެ ކަންބޮޑުވުންވެސް އެބައޮތް ކަމަށެވެ. އަދި މިކަންކަން އިތުރަށް ބޮޑުވެ، އޭގެ އަސަރު އެތަނެއްގައި އުޅޭ ބަޔަކަށްވެސް ކުރާނެކަމަށެވެ.

ހަލީލް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނުން ކުރިއަށް އޮތްތަނުގައި ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެގޮތުން ރާއްޖޭގައި އުޅޭ އިންޑިއާ މީހަކަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އިންޑިއާގައި އުޅޭ ދިވެހިންނަށްވެސް އޭގެ ނުރައްކާ އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަކީވެސް ކަންބޮޑުވާ ކަމެއްކަމަށާއި، އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާންވެސް ނެރުނުކަމަށެވެ.

ޣަފޫރު ވިދާޅުވި އިންޑިއާ އައުޓް ކެމްޕެއިންގެ ސަަބަބުން ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީން ސަލާމަތީ ކަންކަން ވަރުގަދަ ކޮށްދިނުމަށް އެދިފައިވާކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ 241 ކޮމިޓީން ބަލަން ފެށީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމުންނެވެ. މީގެކުރިން އެކޮމިޓީއަށް ވަނީ ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު