އަހުމަދު މަސްނޫމް   15 ފެބްރުއަރީ 2022 - 2:0
ސްޓެލްކޯއިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ގަސް އިންދުމުގެ ސިލްސިލާ ޕްރޮގްރާމް "ސްޓެލްކޯ ރަށްފެހި" މިއަދު ފަށައިފިއެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރު ފެއްޓެވި ޕްރޮގްރާމެކެވެ.

މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒައްތެރި މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއަރ އަހްމަދު ސަލީމްއެވެ. މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ޝަރަފްވެރިމެހުމާން މެމްބަރު އަހުމަދު ސަލީމާއި، މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ގަސްވެސް ވަނީ އިންޖީނުގޭގެ ގޯތި ތެރޭ އިންދާފައެވެ.



މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރައީސް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، އަމާޒަކީ މިއަދު ސްޓެލްކޯ ގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށެވެ.

" ހަމަ އެކަނި އަހަރެމެން ކުރާ ކަމަކީ ގަސްއިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒުމިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5000ގަސް އިންދާފައިވާއިރު، މިއަހަރުގެ ގޯލަކީ 6000 ގަސް އިންދުން" މެނޭޖިންގ ޑިރެކްޓަރ މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން، ހޯރަފުށީ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ، މި ފަދަ ކުންފުންޏަކުން، ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން 2030 އަށް އަމާޒުހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށްވެސް ގަސް އިންދުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރަށްފެހި ޕްރޮގްރާމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ވެވަޑައިގެންފައިވާ ވައުދާއި ގުޅިގެން މުޅި ރާއްޖެ ފެހި ކުރުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. ސްޓެލްކޯ "ރަށްފެހި" ޕްރޮގްރާމަކީ މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ހަމައެކަނި ކުރިއަށް ގެންދާ ކުންފުންޏަކީވެސް ސްޓެލްކޯކަން ފާހަގަ ކޮށްލެވެއެވެ.

2019 ވަނަ އަހަރު ސްޓެލްކޯ އިން ފެށި ރަށްފެހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 10،000 އަށް ވުރެ ގިނަ ގަސް އިންދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ސްޓެލްކޯ ރަށްފެހީގައި 2000 ގަސް އިންދާފައިވާއިރު، އޭގެ ޖެހިގެން އައި 2020 ވަނަ އަހަރު 3000 ގަސް އަދި ކޮވިޑްގެ ދަތިހާލަތުގައި ފުރަބަންދުވެ ތިބެވެސް މި ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށްގެންގޮސް 2021 ވަނަ އަހަރު ވަނީ 5000 ގަސް އިންދާފައެވެ.



ކިޔުންތެރިންގެ ހިޔާލު