ރަޝިޔާއާއި ޔޫކްރެއިންގެ ހާލަތު ގޯސްވެއްޖެނަމަ ދިވެހިރާއްޖެއަށް އެކަމުގެ އަސަރުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޔޫކްރެއިންނާއި ރަޝިޔާގެ މަސްރަހު ހޫނުވެ، އެ ޤައުމަށް ދިވެހިން ދަތުރު ނުކުރުމަށްވެސް ސަރުކާރުން އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ޔޫކްރެއިންގެ ހާލަތު އޮތީ ވަރަށް ކަންބޮޑުވާ ހާލަތެއްގައިކަމަށެވެ. އަދި ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެެެރިން ޒިޔާރަތްކުރާ ޤައުމަކަށްވާއިރު، ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ނޭދެވޭ އެތައް އަސަރެއް ކުރާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން މިކަމުގައި ފިޔަވަޅު އަޅަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ފޮރިން މިނިސްޓްރީން މިއަދު ވަނީ ދިވެހި ރައްޔިތުން ޔޫކްރެއިނަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށް ބަޔާނެއްވެސް ނެރެފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޫކްރޭނުގެ މަސްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ދަނީ ވަރަށް ގާތުން ބަލަމުންކަމަށެވެ.

މިނިސްޓްރީން ވަނީ ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފޮރިން މިނިސްްޓްރީން ވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު