ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކުގެ ތަމުރީނުގެ ލެވެލް 3 ގެ ސަނަދު ލިބިގެންދާ ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެކެވެ.

ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.



ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާއި އެއްގޮތަށެވެ.

މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 މީހުން ތަމްރީންކުރާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ތަމްރީން ޕްރޮގްރާމްތަކަކީ، ނޭޝަނަލް ސެޓްފިކެޓް ތުރީ އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް ތުރީ އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް ތުރީ އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް ތުރީ އިން ވޯޓަރ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ފަހިވެގެންދާ މިފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެއްކަމަށް ފެނަކައިން ބުނެއެވެ. އަދި ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް ޒުވާނުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެކަމަށްވެސް ފެނަކައިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު