ޑީއެންއޭއަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ރޭޕްގެ ކުށް ސާބިތު ކުރެވޭނެ ހެއްކަކަށް ނުވިޔަސް، އެއަށް ބާރުދޭނެ އިތުރު ހެކި ހުރިނަމަ ކުށްސާބިތު ކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެެ.

ސްޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ ރިސޯޓެއްގައި މަސައްކަތްކުރި ސައުތު ކޮރެއާ އަންހެނަކު ގްރޫޕަކުން ރޭޕްކުރި މައްސަލާގައި 15 އަހަރަށް ޖަލަށްލި މީހާގެ ޖަލު ހުކުމަށް ތާއިދުކޮށް ކުުރި ހުކުމުގައެެވެ. އެ މައްސަލައަކީ ފެބްރުއަރީ، 2015 ގައި ރިސޯޓެއްގެ ކޮޓަރިއެއްގައި ނިދާފައި އޮއްވާ އެ އަންހެން މީހާ ބަނުމަށްފަހު ތިން މީހަކު ވެގެން އޭނާއަށް ބިރު ދައްކައި، ރޭޕްކުރި މައްސަލައެކެެެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއަސް، ހައި ކޯޓުގައި މިދިޔަ އަހަރު ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އޭގެ ތެރެއިން އެންމެ މީހެއްގެ މައްޗަށެވެ.

ރޭޕްގެ ކުށް ސާބިތުވި މީހާގެ ފަރާތުން އެ ހުކުމް އިސްތިއުނާފް ކުރުމުން ސްޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޑީއެންއޭއަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ރޭޕްގެ ކުށް ސާބިތު ކުރެވޭނެ ހެއްކަކަށް ނުވިޔަސް، އެއަށް ބާރުދޭނެ އިތުރު ހެކި ހުރި ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށާއި އެގޮތުން ރޭޕް ކުރުމުގެ ނިޔަތް އޮތްކަމުގެ ގަރީނާއާއި ކުށް ކުރަން ފުރުސަތު ލިބުނު ކަމުގެ ގަރީނާއާއި އެ އަމަލު ހިންގީ ރުހުމެއް ނެތިކަމުގެ ގަރީނާ ހުރި ނަމަ ރޭޕްގެ ކުށް ސާބިތު ކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަންހެން މީހާގެ ކުރިމަތި ފަރާތުން ނެގުނު ޑީއެންއޭއާއި ކުށް ސާބިތުވި މީހާގެ ސްޕާމް ހެޑް ޑީއެންއޭ ދިމާވާ ކަމަށެވެ. އަދި އެތަނުން އޭނާގެ ޑީއެންއޭ ފެންނަން ޖެހުނު ސަބަބެއް އޭނާއަށް ބުނެދެވިފައި ނުވާއިރު އަންހެން މީހާ ކިޔައިދޭ ކިޔައިދިނުމާއި ހާދިސާ ހިނގި ކޮޓަރިން ފެނުނު އެހެން ހެކިތައް ދިމާވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

އެގޮތުން ކޮޓަރިން ފެނުނު ބާލީސް އުރަތަކުން އެ މައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހުކުމްގައިވެއެވެެ. އަދި އެ މީހުން އެ އަމަލު ހިންގުމަށް ފަހު ތަޅުންގަނޑު މައްޗަށް ފެން އެޅި ކަމަށް އަންހެން މީހާ ބުނާއިރު ތުހުމަތު ކުރެވުނު އެހެން މީހެއްގެ ފިންގަޕްރިންޓް އެ ކޮޓަރިން ފެނުނު ފެންތަށްޓަކުން ފެނިފައިވާތީ އެއީ ތަޅުންގަނޑު މައްޗަށް ފެން އަޅަން އެ މީހުން ގެންގުޅުނު ތަށި ކަމަށް ބެލެވޭ ކަމަށް ހުކުމްގައިވެއެވެ.

ސްޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ރޭޕްގެ ކުށްތައް ހިންގަނީ ސިއްރުން ކަމަށް ވާތީ އެފަދަ މައްސަލަތައް ސާބިތު ކުރުމުގައި ލުއި މިންގަނޑެއް، ޖިންސީ ކުށުގެ ގާނޫނުގައި އެބައޮތް ކަމަށެވެ. އެހެންވެ، ރޭޕްގެ ޝިކާރައަކަށްވާ މީހާގެ ބަހަކީ އެންމެ މައިގަނޑު އަސާސް ކަމަށް ބަލަންޖެހޭ ކަމަށާއި އަދި އޭނާގެ ބަހަށް ބާރުދޭ ހެކި ހުރި ނަމަ ކުށް ސާބިތު ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން، ކީރިތި ރަސޫލާގެ ޒަމާނުގައި ހިނގި ހާދިސާއެއްގައި އަމަލު ކުރެއްވި ގޮތް ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު