މޫސުމީ ބަދަލުތައް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ކޮމަންވެލްތް ފައުންޑޭޝަނުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ދަރަނިވެރިވެފައިވާ ގައުމުތަކުގެ ހާލަތު ދެނެގަތުމަށްފަހު އެންމެ މަދުވެގެން 18 މަސް ދުވަހުގެ މުއްދަތަކާއެކު ވޯލްޑް ބޭންކުން އިތުރު ބޮންޑެއް ދޫކުރަން ޖެހޭ ކަމަށެވެ. އޭރުން ދަރަނިވެފައިވާ ގައުމުތަކަށް މޫސުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކޮށްފިނަމަ ތަރައްގީގެ މަޝްރޫއުތަކާއި ސިއްހީ ހިދުމަތާއި ތައުލީމު އަދި ދެމެހެއްޓެނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ހަރަދު ކުރުމުގެ ފުރުސަތު އެގައުމުތަކަށް ލިބޭނީ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާކޮށް، ފުރުސަތު ފަހިކޮށްދީގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދަރަނިވެރިވެފައިވާ ގައުމުތަކުން މޫސުމީ ގެއްލުންތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުނިޔޭގެ ޖަންގަލިތަކާއި ކަނޑޫފާތަކާއި މުރަކައިގެ ފަރުތައް ހިމާޔަތް ކުރަންޖެހޭކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު