ސަރުކާރުން ހިންގުމަށް ނިންމާފައިވާ "އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލަން ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ތަރައްގީ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު" ގެ ދަށުން އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށް ފަސް ރިސޯޓު ތަރައްގީ ކުރަން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އީއައިއޭ ރިޕޯޓާއި ހަވާލާދީ ބަޔާނުގައިވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ ކަމަށާއި، އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް ދެ މީޓަރު އުސްމިނަށް އަޅާނެހާ ވެލި ކަމަށް ޖަމިއްޔާ ތަކުން ބުނެފައި ވެއެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުން ކަމަށް އީއައިއޭ ރިޕޯޓުގައިވަނީ ފާހަގަކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ޖަމިއްޔާތަކުން ބުނީ މިފަދަ ބޮޑު އަދަދަކުން މި ގޮތައް ވެލި ކޮނެ ނެގުމަކީ އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނޭ ކަމެެއް ކަމަށެވެ. އަދި މި ރިޕޯޓު ތައްޔާރުކުރުމަށް ހެދި ދިރާސާތަކާއި ކަމާއިބެހޭ ފަރާތްތަކުންވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެފަދަ ބޮޑު ގެއްލުމެއް އައްޑޫ އަށް ދޭނެފަދަ މަޝްރޫއެއް ދައުލަތުން ހިންގުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ގާނޫނު އަސާސީގައިވާ ދެމެހެއްޓެނިވި ތަރައްގީގެ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ހެދިފައިވާ ގާނޫނުތަކާ ހިލާފު ކަމެއް ކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އެ ބަޔާނުގައި ބުނާ ގޮތުން މި މަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ކިސަޑު އެޅިގެން ދާނެ ކަމަށް އީއައިއޭ ރިޕޯޓުން ދައްކާ ކަމަށެވެ. އަދި މޫދުވިނައިގެ ސަބަބުން ވަށައިގެންވާ މާހައުލަށް އަހަރެއްގެ މައްޗަށް 6.4 މިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ ކަމަށް ބެލެވޭއިރު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބަލައިފިނަމަ 21 ހެކްޓަރުގެ މުރަކަ އަގުކުރުމުން 343-858 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައިވެއެވެ.

މީގެއިތުރުން އައްޑޫގައި ތިމާވެށީގެ ގޮތުން ފާހަގަކުރެވޭ ހާއްސަ ސަރަހައްދުތަކެއް ހިމާޔަތްކޮށް، އިޔާދަކޮށް ބަލަހައްޓައި، އަދި އެތަންތަނުގައި އުޅޭ ދިރުންތައް ރައްކާތެރިކުރުމަށް ބާރުއަޅައި 2020 ވަނަ އަހަރު ބައޮސްފިއާ ރިސާވްގެ ލަގަބު ދީފައިވާކަން ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ. އެ ޖަމިއްޔާތަކުން ބުނީ ހެދިފައިވާ ދިރާސާތަކާއި އަދި ލިބޭ ލަފަޔާއި ދެކޮޅަށް ވަކި ބައެއްގެ ވަގުތީ ފައިދާއަށް ހިންގާ މިފަދަ ގެއްލުން ދެނިވި މަޝްރޫއުތައް ހުއްޓުވުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އީޕީއޭއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ބާރު ދިނުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފައެެވެ.



ކިޔުންތެރިންގެ ހިޔާލު