އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަށް ހުރަސް ނާޅަން މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.

މޭޔަރު އަލީ ނިޒާރު މިކަމަށް ގޮވާލެއްވީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލަން ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ހަ ޖަމިއްޔާއަކުން ގޮވައިލާފައިވަނިކޮށެވެ. އެކަމާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގެ ބިން ހިއްކޭނީ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކައި އެކު ކަމަށެވެ.

އައްޑު އަކީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑުގެ ބޮޑު ބައެއް ހިމެނޭހެން ހިމާޔަތް ކުރެވިފައިވާ ތަނެއް ކަމަށް ނިޒާރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މިއީ ބިމުގެ ބޮޑު ބައެއް ގާނޫނީ ގޮތުން ހިމާޔަތް ކުރެވިފައިވާ ތަނެއް ކަމަށެވެ. އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓުތައް ސަރުކާރުން ހިންގަނީ އައްޑޫގެ ވެއްޓަށް ބަލައި ދިރާސާކުރެވިގެން ކަން ނިޒާރު ފާހަގަކުރެއްވިއެވެ.

"އައްޑޫގެ ރައްޔިތުން އައްޑޫގެ ބިން ހިއްކަން ބޭނުންވޭ. އެކަމަށް ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަށް ދަންނަވަން." އައްޑޫގެ މޭޔަރު ވިދާޅުވިއެެވެ.

ސަރުކާރުން ހިންގުމަށް ނިންމާފައިވާ "އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލަން ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭހެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ހަ ޖަމިއްޔާ އަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށް ފަސް ރިސޯޓު ތަރައްގީ ކުރަން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫއިން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ސަބަބުން އައްޑު އަށް ކުރިއަށްއޮތް 50 އަހަރަށް ބިމުގެ ދަތިކަން ކުރިމައްޗެއް ނުވާނެ ކަމަށެވެ. ބިން ހިއްކަން ހަވާލުކުރާނެ ކުންފުންޏެއް ވެސް މިހާރު އެވޯޑްކޮށްފައިވާއިރު މި މަހުގެ ތެރޭގައި އެ ކުންފުންޏާ އެކު ރަސްމީކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު