ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމަތި ކުރިމަތިން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން ގޯއްޗެއް ގަންނަން އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ކަމަށް ޖެހުނީ އޮޅުމަކުން ކަމަށް ނިންމައި އެ ބީލަން ބާތިލް ކޮށްފި އެވެ.

އެޗްޑީސީން މިއަދު ބުނީ އެއީ "ޖެނުއިން މިސްޓޭކެއް" ކަމަށް ނިންމައި އެ ބީލަން ހުށަހެޅި އިބްރާހިމް މާޖިދު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި 320،000ރ. އަނބުރާ ހޯދަން ބޭނުން ނުވާތީ ބީޗް ސައިޑްގެ ގޯތިތަކުގެ ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ދިނުމަަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުން ބީލަން ހުށަހެޅުން މިއަދު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެ ބީލަން ކެނޑުން މެންދުރު އެކަކުން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ވިއްކުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ބީޗް ފްރަންޓުން ބިން ގަންނަން ބޭނުންވި މީހުންނަށް ބީލަން ހުށަހަޅައި ބީލަން ކެނޑުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ބާއްވާފައެެވެ. އެބީލަމުގައި ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގައެެވެ. ބީލަން ހުށައެޅުމަށް ހުޅުވާލުމުން އަކަފޫޓަކަށް 10 މިލިއަން ރުފިޔާ މުހައްމަދު މާޖިދު ނަމަކަަށް ކިޔާ ވިޔަފާރިވެރިއަކު ވަނީ ހުށައަޅާފައެވެ. އެހެން ނަމަވެސް އެ އަގު ހުށައެޅުނީ އޮޅިގެން ކަމަަށް އެ ފަރާތުން ވަނީ އެޗްޑީސީއަށް އަންގާފައެވެ. އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ކަމަށް ބީލަން ފޯމުގައި ޖެހިފައިވަނީ މުޅި ބިމުގެ އަގެެވެ.

ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


1

ޖުހާނާ

16-Feb-2022

އެއްފަހަރު އިބްރާހީމް މާޖިދު, އަނެއްފަހަރު މުހައްމަދު މާޖިދު ލިޔެފައި. ލިޔެވޭ ނުލިޔެވޭ އެއްޗެއް ވެސް ނޭނގޭދޯ? ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ