އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހިކުމަތްތެރި މަސައްކަތުން އަންނަމުންދާ ހެއު ބަދަލުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިނިސްޓަރ ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ނިހާދު މިހެން ވިދާޅުވީ ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ޤާއިމްކުރެވުނު އެއްބަސްވުމުގެ ސަބަބުން ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް އެހީތެރިކަން ލިބި އިޤްތިޞާދު ސިންދަފާތުކުރުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެެވެ.

އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ގައުމާ ރައްޔިތުންގެ ހައްގުގައި ވަޒީރު ފައްޔާޒު ކުރައްވާ މަސައްކަތް ރައްޔިތުން ބަލައިގަންނަންޖެހޭ ކަަމަށެވެ. ނިހާދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ސާބަސް ވެސް ދެއްވާފައެވެ.



"ވަޒީރުގެ ހިކުމަތްތެރި މަސައްކަތުން ގެނެވޭ ހެއު ބަދަލުގެ ނަތީޖާ ދަނީ ފެންނަމުން، ކޮވިޑްގެ ރިކަވަރީ ވެސް ހަމަ ހަބޭސް." ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ހިފެއްޓުމަށް މިނިސްޓަރު ފައްޔާޒު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވަމުން ނިހާދު ވިދާޅުވިއެެވެ.

ކޮވިޑުގެ ހާލަތަށްފަހު ރާއްޖޭގެ އިގްތިސާދު ދަތި ހާލަތުން އަރައިގަނެ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެެވެ. އިގްތިސާދީ ދަތި ހާލަތުން އަރައިގަނެ ވިޔަފާރިތަައް ކޮޅަށް ޖަހައި ވަޒީރު ފައްޔާޒުގެ މޭސްތިރިކަމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެެވެ.



މެމްބަރު ނިހާދު ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވާއިރު، ފައްޔާޒު މިހާރު ވަނީ ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒު އިންތިޚާބު ކުރުމަށް މިހާތަނަށް ތާއިދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހިމެނިވަޑައިގަންނަވައެެވެ.

ފައްޔާޒަށް ތާއީދު ކުރަށްވާ ސަބަބު ހާމަކުރަށްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމްޑީޕީއަށް މިއަދު ބޭނުންވަނީ ފައްޔާޒު ކަހަަލަ ހިންގުންތެރި ބޭފުޅެއް ކަމަށެވެ. ފައްޔާޒު ކަހަލަ ބޭފުޅަކު އެމްޑީޕީގެ ލީޑަރޝިޕްގައި ހުންނެވުމަކީ މުހިއްމު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު