މިހާރު މަސައްކަތްކުރަމުންދާ ރޭޓުން މަސައްކަތްކުރާނަމަ ކްރިމިނަލް ކޯޓުގައި އަހަރުތަކެއް ވަންދެން ފުނިޖެހިފައިވާ މައްސަލަތައް ނިންމަން 16 ވަރަކަށް އަހަރު ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ކޯޓުގައި ހުރި މައްސަލަތައް ލަސްވާ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީއާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް އެ ކޮމިޓީއަށް ހާޒިރުކުރުމުން އެކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ހިސާން ހުސެއިން މިއަދު ވިދާޅުވީ 2019 ވަނަ އަހަރު މިހާރު އޮތް ޖޭއެސްސީގެ މެމްބަރުން މަޤާމާއި ހަވާލުވިއިރު ކްރިމިނަލް ކޯޓުގައި 2022 މައްސަލަ އޮތް ކަމަށެވެ، އަދި ކޮންމެ އަހަރަކު އެވްރެޖްކޮށް 900 މައްސަލަ ކޯޓަށް ހުށަހެޅެމުންދިޔަކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ކޯވިޑްގެ ސަބަބުން ދިމާވި ދަތިތަކާއި ހުރެވެސް ކޯޓުގެ މަސައްކަތްތައް ލަސްވެގެންދިޔަކަމަށެވެ. ހިސާން ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ބެކްލޮގްގައި މިހާރުވެސް 1،182 މައްސަލަ އެބައޮތް ކަމަށާއި ހުކުމްކުރުމާ ހަމަޔަށް ދިއުމަށް ކޮންމެ މައްސަލައަކަށް މަދުވެގެން 10 ވަރަކަށް އަޑުއެހުން ބާއްވަން ޖެހޭކަމަށެވެ.



ހިސާން ވިދާޅުވީ މިހާރު މަސައްކަތްކުރާ ރޭޓުން މިމަސައްކަތް ނިންމަން 16 ވަރަކަށް އަހަރު ނަގާނެކަމަށެވެ. ނަަމަވެސް އެހާ ދުވަސްވަންދެން މައްސަލަތައް ލަސްނުކުރެވޭނެކަމަށާއި ކޮންމެ ކޯޓެއްގެ ރަސްމީ ގަޑީގެ އިތުރުން މެންދުރު 2:00 އިން ހަވީރު 5:00 އާ ހަމަޔަށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމަކީ މިކަމަށް އޮތް އެއް ހައްލުކަމަށް ހިސާން ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓާއި ޕްްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މުއައްޒަފުން އިތުރަށް ނަގައިގެން އެގޮތަށް އެއް އަހަރު ވަންދެން މަސައްކަތްކޮށްގެން މިކަން ހައްލުވާނޭކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ދެން އޮތް ގޮތަކީ ކްރިމިނަލް ކޯޓަށް ދާއިމީކޮށް އިތުރު 3 ފަނޑިޔާރުން ނެގުންކަމަށާއި، ނަމަވެސް އޭރުން މިކަމަށް ދާ ހަރަދު ބޮޑުވެގެންދާނެކަމަށެވެ. ހިސާން ވިދާޅުވީ މިކަންކަން ހިނގަނީ ކިހާވަރަކަށްތޯ ދައުލަތުން ބަލާނެކަމަށާއި، އެކަމުން ނަތީޖާ ނުނެެރެވޭނަމަ އެެ ޕްލޭން ޖެހޭނީ ހުއްޓާލަން ކަމަށެވެ.

ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވާކަމުގެ ޝަކުވާއަކީ ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. ނަމަވެސް މިހާތަނަށް މިކަމަށް ހަރުދަނާ ހައްލެއް ލިބިފައެއް ނުވެއެވެ. އަދި މިކަން ހައްލުކުރެވޭނީ އިތުރު މުވައްޒަފުންނާއި އިތުރު ވަސީލަތްތައް ކޯޓުތަކަށް ހޯދައިގެން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެންކަން ކަމާއިބެހޭ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު