ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ކޮށާ ކުދިކޮށްލި ހަނދާން އެބަހުރި ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ވިދާޅުވީ، ޤާނޫނު އަސާސީއާ މިހާ ފަސޭހައިން ކުޅެ ވަގުތީ މާއްދާތަކެއް ޤާނޫނު އަސާސީއަށް ލައިފިނަމަ އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ.

"ނިމިދިޔަ ސަރުކާރުގައި ޤާނޫނު އަސާސީ އަކީ މި ރާއްޖޭގައި އޮންނަ އެއްޗެއް ކަމެއްވެސް ނޭނގޭ. ޤާނޫނު އަސާސީ ބާއްވާފަ، ރާއްޖޭގައި ހުރި ޤާނޫނުތައް ބާއްވާފަ، ޤަވާޢިދުތައް ބާއްވާފަ ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމިޓީއަކުން މިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ކޮށާ ކުދިކޮށްލި ހަނދާން އަޅުގަނޑުމެން އެބަހުރި." މެމްބަރު ސަޢުދު ވިދާޅުވިއެވެ.

ޚުދުމުޚުތާރު ވެރިންގެ ކުރިމަތީގައި ޤާނޫނީ ބާރަކީ އޮންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވައި މެމްބަރު ސަޢުދު ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރަކުންނާއި، ރައްޔިތުންގެ މަޖިލީހަކުންނާއި، ޝަރުޢީދާއިރާއަކުން ޤާނޫނު އަސާސީ އަށް ނުކުރާ އިޙްތިރާމެއް ރައްޔިތުންވެސް ޤާނޫނު އަސާސީއަށް ނުކުރާނެ ކަމަށެވެ.

މެމްބަރު ސަޢުދު ވިދާޅުވީ މިވަގުތު މިއޮތީ ކުރަން ނުޖެހޭކަމެއް ކުރަން ޖެހިފައި ކަމަށާއި، އެހެންކަމުން އެކަމަށް ކޮންމެވެސް ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުން ރަށްރަށް ހިންގުމަށް ޙައްލެއް ހޯދަން ޖެހޭކަން ފާހަގަކޮށް ސަޢުދު ވަނީ މިހާރު ތިބި ކައުންސިލަރުންގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާ ރަށްރަށްވެސް އެބަހުރިކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ޤާނޫނު އަސާސީއަށް ގެނެވޭ އިސްލާހު އިންތިޚާބު ބޭއްވުމާއެކު އުވާލުމަށް ހުށައަޅާ ކަމަށް ސަޢުދު ވިދާޅުވިއެވެ.

ސައުދުގެ ވާހަކައިގައި ވަނީ މިހާލަތަށް މި މައްސަލަ އައުމުގައި މުޅި ދަޢުލަތް އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން