ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ފޯމް ހުށައަޅުއްވައިފި އެވެ.

ގަމު ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށައަޅުއްވާފައިވަނީ އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ 6،000 އަށްވުރެ ގިނަ މެންބަރުންގެ ތާއިދާއެކު އެެވެ.

ފައްޔާޒުގެ ފޯމްގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ އިސްދޫ ދާއިރާގެ ދާއިރާ ރައީސް އަހުމަދު ޝުހާދު އަދި އިބްރާހިމް ވަހީދު (މަދަނީ އިބްރޭ) އެވެ.



އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާން ކުރައްވައި އިކޮންމިކް މިނިސްޓަރު ފަައްޔާޒު އިސްމާއިލް ވިދާޅުވީ އޭނާގެ އަމާޒަކީ އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ޕާޓީގެ ހެއުވެރިކަން ދެމެހެއްޓުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒުގެ އިތުރުން ކުރިމަތިލައްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތި ފޯމް ހުށައެޅުއްވީ އިއްޔެއެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިމްތިޔާޒު ފޯމް ހުށައެޅުމަށްފަހު އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން އޭނާ އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ވަރަށް ވާދަވެރި ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން މިހާރު ވަނީ ވަރަށް ވަރުގަދައަށް ކެމްޕޭން ފަށާފައެވެ.

ބައެއް ފަރާތްތަކުން ގަބޫލޫކުރާ ގޮތުގައި މި އިންތިހާބަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގެ އަޖުމަ ބެލުމެކެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެބޭފުޅުންގެ ތާއީދު އޮތްގޮތް މި އިންތިޚާބުގައި ފެނިގެން ދާނެ ކަމަށް އެފަދަ ފަރާތްތަކުން ގަބޫލުކުރެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް