އަހުމަދު މަސްނޫމް   18 ފެބްރުއަރީ 2022 - 14:40
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބޭނުންކުރަމުންދާ ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

ވައިބަ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރާއްޖެއަށް ޑިޖިޓަލް ފައިނޭންސް ތައާރަފްކޮށް، ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް ބޭނުންވާ ދިރާސާތައް އެމްއެމްއޭއިން ހަދަމުންދާކަމަށް ހާޝިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގަވަރުނަރު ވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ އެންމެފަހުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އަންނަ ސެޕްޓެމްބަރުމަހު ޤައުމީ ޕޭމަންޓް ސިސްޓަމް ލައިވްކުރެވޭނެކަމަށް ހާޝިމް ވިދާޅުވިއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ޓްރާންސެކްޝަންތައްވެސް ޕޭމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތްތަނުގައި ހެދޭނެކަމަށް ހާޝިމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޞްދީޤުކުރައްވާފައެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެއެވެ. ހަމައެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އިންޓަރ އޮޕެރަބިލިޓީ ޤާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް