އަހުމަދު މަސްނޫމް   18 ފެބްރުއަރީ 2022 - 14:54
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ.

ރާއްޖޭގެ ތަފާސް ހިސާބާބެހޭ މަރުކަޒުން ބުނީ މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން 4400 އޮފިޝަލުން ބޭނުންވާކަމަށެވެ. އަދި މީހުން ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު އެކަމަށް އެދުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ ނިޔަލަށެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ އޮފިޝަލުންނަށް ތަމްރީން ދިނުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި މިތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހާއި އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓްމަހާއި ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުތަކުގެ ދުވަސްވަރުގައާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދޭނެކަމަށެވެ.

ސެޕްޓެމްބަރުމަހު ބޯހިމެނުމުގެ މަސައްކަތް ފަށާއިރު ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް