ކޮމަންޑޫ ދާއިރާގެ ރިސޯޓް ހަދަން ނިންމި ރަށްތައް ކޯޓު އަމުރަކާއި ގުޅިގެން ލިސްޓުން އުނިކުރުމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫ ކައިރީގައި ގުޅިފައި އޮންނަ ތިން ރަށް ކަމަށްވާ ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް (ދިގުވެލިދޫ) ގައި ރިސޯޓު ހެދުމަށް އެ ރަށްތައް ކުއްޔަށް ދޫކުރުން ފަސްކޮށްލުމަށް ސިވިލް ކޯޓުން އަމުރުކުރުމާއި ގުޅިގެން ސަރުކާރުން ވަނީ އެ ރަށްތައް ބިޑު ޑޮކިމެންޓުން އުނިކޮށްފައެވެ.

އެރަށްތަކުގައި ރިސޯޓް ހަދަން ހުޅުވާލީ ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދުވަސްވަރުއެވެ.

ކަންކަން ނިއްމަވަނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ޚަބަރެއް ޝޯޝަލް މީޑިޔާގައި ހިއްސާކުރައްވަމުން އަދުރޭ ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާގެ 3 ރަށެއް ރިސޯޓް ހަދަން އިޢުލާނު ކުރުމަށްފަހު ދައުލަތުގެ ހުރިހައި ވަޞީލަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އިންތިޚާބް ކާމިޔާބްކޮށް އެ 3 ރަށް ލިސްޓުން އުނިކުރީ އެ ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެންތޯ ރައީސް ސޯލިހާއި ސުވާލު ކުރައްވާފައެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް އެރަށްތައް ލިސްޓުން އުނިކޮށްފައިވަނީ ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކާއި ގުޅިގެންނެވެ. ކޯޓް އަމުރަކާއި ގުޅިގެން އެ އަމުރާ އެއްގޮތަށް ކަންކަން ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ގާނޫނު ތަކާއި ގަވާއިދުތަކާއި ޚިލާފުކަމެކެެވެ. އެފަދަކަމެއް ކުރުމަކީ ކޯޓްގެ ހުރުމަތް ކެނޑިދާނެ ކަމަށް ބެލެވޭނެ އަމަލެކެެވެ.

ރާއްޖޭގެ ކޯޓްތަކާއި ބެހޭ ގާނޫނުގެ 77 ވަނަ މާއްދާގައި ބުނެފައިވަނީ ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެކޯޓަކުން ނުވަތަ އެމައްސަލައެއް އިސްތިއުނާފް ކުރާ ކޯޓަކުން ނާންގާ ހިދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުން ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ ނިންމުމަށް އަމަލު ކުރުން ލާޒިމް ނިންމުމެއް ކަމަށެވެ.



ޕްރިމިއާ އިކުއިޓީ ކުންފުނިން އެ ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ 2008ވަނަ އަހަރު އެ ކުންފުންޏާ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ލ. ބޮޑުފިނޮޅާއި، ލ. ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހެދުމަށާއި، އެއަތޮޅު ގަމުގެ ދެ ބިމެއްގައި ޓްރެއިނިން ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ވެވުނު އެއްބަސްވުމާ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައިވާ ކަމަށެވެ.

އެ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީން ސެޓުލްމެންޓުގެ ގޮތުގައި ށ. މެދުރަށާއި، ށ. މައިރަށާއި، ށ. ދިގުރަށް ޕްރިމިއާ އިކުއިޓީއަށް ކުއްޔަށް ދިނުމަށް އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެެވެ. އެހެން އެކަން އޮއްވާ މިދިޔަ މަހު ނެރުނު ބިޑު ޑޮކިއުމަންޓުގައި އެ ތިން ރަށް ހިމަނާފައި ވާތީ، އެ އިއުލާނުގައި އެރަށްތައް ހިމެނޭ ބަޔަށް އަމަލުކުރުން ފަސް ކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދުރޭ މިގޮތަށް ހާމާކުރާ މައުލޫމާތާއި ޖައްސަވާ ހިސާބު ދިމާނުވާތި އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް