ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ ހިންނަވަރަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ރަތް ދޫލައިގެ ހޫނު މަރުހަބާ އެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހް ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ރައީސް ހިންނަވަރަށް ވަޑައިގަތުމުން ސަގާފީ ކުޅިވަރާއެކު އެރަށުން ވަނީ "ރަށު" ރައީސަށް ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ރަށަށް ފައިބައިވަޑައިގެންނެވި އިރު އެމަނިކުފާނު ހުރަސްކުރައްވަން ހަދާފައިވާ ގިޑިގެއެއްގައި އެމަނިކުފާނަށް "ރަށު ރައީސް" ގެ ނަމުން މުޚާތަބުކޮށްފައިވާއިރު، ސަގާފީ ހެދުމާއި އައިޓަމްތައް ރަމްޒުކޮށްދޭ ގޮތަށް މަރުހަބާގެ ހަރަކާތްތައް ވަނީ ބާއްވާފައެެވެ.





ރައީސަށް މަރުހަބާ ދެންނެވުމަށް އެރަށުން އެތައް ސަތޭކަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. މިއީ ރަސްމީ ހައިސިިއްޔަތުން ހިންނަވަރަށް ރައީސް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. އެހެން ނަމަވެސް ވެެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވަނީ އުފަން ރަށައް ވަޑައިގެންފައެެވެ. ރައީސް ސޯލިހް މިރޭ ހިންނަވަރުގައި ހުންނަވާ ގޮތަށް ހަމަޖެހިފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ނޫރާނީއާގޭގައެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ރައީސް ސޯލިހް ކުރައްވާ މިރަސްމީ ދަތުރުފުޅުގައި ޅ. އަތޮޅުގެ ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިއަދު ހަވީރު މަޑިވަރަށް ވަޑައިގެން އެރަށު އެއާޕޯޓް ހުޅުއްވައިދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު