ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ހުރި ދަތިތައް ނައްތާލައި ވިޔަފާރި އަށް ފަސޭހަ ގޮތްތަކެއް ގާނޫނާާއި ގަވާއިދުގެ ތެރެއިން ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޕާދިއްޕޮޅު މަޑިވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ގައުމު ތަރައްގީ ކުރެވޭނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުން މިގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ފަސޭހަގޮތްތައް ޤާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ޔަޤީންކަން، މިތާ ވިޔަފާރިވެރިންނަށް އަޅުގަނޑު މިއަދުވެސް އަރުވަން." އަމިއްލަ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކުރެއްދޫ މޯލްޑިވްސުން ޅ. މަޑިވަރުގައި ހެދި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ފަހަތުގައިވާ ކުރެއްދޫ ހޯލްޑިންގްސް އަދި ޗަމްޕާ ކުންފުންޏަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ބައިވެރިއެއްކަން ފާހަގަކުރެެއްވިއެވެ. އަދި ފަތުރުވެރިކަމުގެ އިތުރަށް ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންވެސް ޗަމްޕާ ކުންފުނީގެ ބައިވެރިވުމާއި ޚިދުމަތްތައް ފެނިގެންދާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު