ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޅ. ހިންނަވަރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ރޭ ހިންނަވަރު ޒުވާނުންގެ މަރުކަޒުގައެވެ. މި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކައުންސިލާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި އަދި ކައުންސިލުން ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ކައުންސިލާއި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމާއި، ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި ސްކޫލަށް ބޭނުންވާ އިންސާނީ ވަޞީލަތައް ހަމަޖެއްސުމުގައި ހުރި ދަތިތަކާއި ރަށުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކުރުމާއި އަދި މަޝްރޫޢުތައް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ރައީސަށް ދެންނެވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީން ކުރިޔަށް ގެންދަން ބޭނުންވާ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އިމާރާތެއްގެ މުހިންމުކަމާއި މާބަނޑު މީހުން އަތޮޅު ހޮސްޕިޓަލަށް ފަސޭހައިން ދަތުރުކުރެވޭނެ ފެރީއެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ކައުންސިލު ބައްދަލުކުރެއްވުމަށްފަހު ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ހިންނަވަރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭކަމަށާއި މަގު ހެދުމާއި ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ޤާއިމްކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ތަރައްޤީގެ ކަންކަން ސަރުކާރުން ކުރިޔަށް ގެންދަވާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށްކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު