ޅ. އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށަހަޅުއްވައިފިއެވެ.

ޅ. އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށަހަޅުއްވާފައިވަނިީ ރައީސް ސާލިހު ފާދިއްޕޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޅ. އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅުގެ އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުން އޮތީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ ކައުންސިލަރުން ދެއްކެވި ވާހަކައިގައި އަތޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ބޭނުންކުރުމުގައި އަތޮޅު ކައުންސިލުން އެދޭގޮތް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މި ކަރުދާހުގައި އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރަން އެދޭކަމާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމާ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތު އަތޮޅުގެ ރައްޔިތުންނަށް ފަހިކުރުންފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުކައުންސިލުން ހުށައެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރު ކައުންސިލުގެ އައު އިމާރާތަށް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު