އެމްޑީޕީގެ ސަރުކާރުތަކަކީ އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބިގެން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާ ސަރުކާރުތަކެއްކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއަދު ނައިފަރު ކައުންސިލާއި ހަވާލު ކުރި ހައުސިންގ ޔުނިޓްތަކަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ނޫންކަމަށެވެ. އަދި ނައިފަރުގައި ގެދޮރު ބޭނުންވެފައި ތިބި ބައިވަރު ރައްޔިތުން އެބަތިބިކަން ސަރުކާރަށް އެނގޭކަމަށް ވެސް އަސްލަމް ވިދަޅުވިއެވެ.

"އެމްޑީޕީގެ ސަރުކާރުތަކަކީ އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބިގެން ރައްޔިތުންނަށް ކަންކަން ކޮށްދެމުން ގެންދިއުން. މީގެކުރިންވެސް ނައިފަރުގެ އެތައް އަހަރެއްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނީ އެމްޑީޕީގެ ސަރުކާރުން. މިއަދުވެސް ހައްލުގެ އިތުރު މިންވަރެއް ހޯދައި މިދެނީ އެމްޑީޕީން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި ނަމަވެސް އަތޮޅުތަކުގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލައަށް އެމްޑީޕީ ނޫން ސަރުކާރަކުން މާބޮޑު ފަރުވާލެއް ބަހައްޓާ ތަނެއް ނުފެންނަކަމަށެވެ. ނަމަވެސް މިސަރުކާރުން އެމައްސަލައަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ޖަހައިގެން މިދަނީ އިތުރު 14 ރަށެއްގައި މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތުގެ އިތުރުން، ރަށްރަށުގައި ހަދަން ފަށާފައި ނުނިމި ހުރި ގޯތިތައް ހެދުމަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން ތައާރަފްކުރި ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން މިހާތަނަށް 96 ފަރާތަކަށް ލޯނު ދިނުމަށް ނިންމާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދިނުމަށްކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޮޑުނަމަ ކަންކަން ކާމިޔާބުވުން ފަސޭހަވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު