ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކަންވީމަ އެކަނި ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު މިހެން ވިދާޅުވީ ބިން ހިއްކައިފި ނަމަ އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެެ. ނިހާދު ވިދާޅުވީ ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކަންވީމާ އެކަނި ކަމަށެވެ.



"ތިމާވެށި ފެންނަނީ އައްޑޫގެ ބިން ހިއްކަންވީމަ ތޯ؟ މާލެ ސަރަހައްދުން އަދި އެހެން ހުރިހާ ރަށެއް ހިއްކައި ނިމޭ އިރު ވެސް ބަސް ނުބުނަނީ އެއިން ކޮން މަންފާއެއް ލިބޭތީތޯ؟" [އެހެންވީމަ] އައްޑޫގެ ތަރައްގީ އަށް ހުރަސް އެޅުން ހުއްޓާލުމަށް ގޮވާލަން." ނިހާދު ވިދާޅުވިއެެވެ.

ދާދި ފަހުން ޓްރޭންސް ޕޭރަންސީ މޯލްޑިވްސް ހިމެނޭ ގޮތަށް ހަ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރަށް ވަނީ ގޮވާލާފައެވެ. އޭގެތެރޭގައި ހިމެނެނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ސޭވް މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި މޯލްޑިވްސް ރިޒިލިއަންޓް ރީފްސާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫއިން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ސަބަބުން އައްޑޫއަށް ކުރިއަށްއޮތް 50 އަހަރަށް ބިމުގެ ދަތިކަން ކުރިމައްޗެއް ނުވާނެ ކަމަށެވެ. ބިން ހިއްކަން ހަވާލުކުރާނެ ކުންފުންޏެއް ވެސް މިހާރު އެވޯޑްކޮށްފައިވާއިރު މި މަހުގެ ތެރޭގައި އެ ކުންފުންޏާ އެކު ރަސްމީކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ތަރައްގީގެ ޕްރޮޖެކްޓުތައް ސަރުކާރުން ހިންގަނީ އައްޑޫގެ ވެއްޓަށް ބަލައި ދިރާސާކުރެވިގެން ކަމަށެވެ. އެހެންކަމުން އެކަމަށް ހުރަސް ނޭޅުމަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު