ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިންޓަނެޓްގެ އަގުހެޔޮކޮށް، އަވަސް ހިދުމަތެއް ފޯރުކޮށްދޭން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ރަސްމިއްުޔާތެއްގައެވެ.

މިކަމާއި ގުޅޭ އެއްބަސްވުން ޤާއިމްކޮށްފައިވަނީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީއެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްއާއި އިންޑިއާގެ އެންމެ މުއްސަނދި، ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާދެމެދުއެވެ.

ސަރުކާރުންް އަޅަން ނިންމާފައިވާ ސަބްމެރިން ކޭބަލަކީ މިހާރުވެސް ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލާ ގުޅުވާލާ ގޮތަށް އަޅާ ސަބްމެރިން ކޭބަލެކެވެ.

ރާއްޖޭގައި މިހާރު އިންޓަނެޓް ފޯރުކޮށްދެނީ ދިރާގާއި އުރީދޫއިން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން އަޅާފައިވާ ސަބްމެރިން ކޭބަލަކުންނެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް 3 ސަބްމެރިން ކޭބަލެއް ވަނީ އަޅާފައެވެ. ކޭބަލް އެޅިނަމަވެސް ރމދިރާގާއި އުރީދޫގެވެސް އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ދަށްވެފައި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުކަމުން އެކަމުގެ ޝަކުވާތައް އާންމުން ދަނީ އުފުލަމުންނެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުން އަމިއްލަ ސަބްމެރިން ކޭބަލެއް އަޅަނީ އަމިއްލަ ވިޔަފާރިތަކާއި ވާދަކުރުމުގެ ނިޔަތުގައި ނޫންކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ނިމުމުން، މި ކޭބަލްގެ ބޭންޑްވިތު، ރާއްޖޭގައި ހިދުމަތް ދިނުމުގެ ލައިސެންސް އޮންނަ ކޮންމެ މުއާސަލާތީ ކުންފުންޏަކަށްވެސް ހެޔޮ އަގެއްގައި ގަނެވޭނެކަމަށެވެ. މީގެއިތުރުން މި ކޭބަލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްވެސް ވަރަށް ބޮޑު ބާރެއް އެޅޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން ބުނި ގޮތުގައި ރާއްޖެ ގުޅުވާލަނީ، ޖިއޯއިން ގާއިމްކުރަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ކޭބަލާއެވެ.



ކިޔުންތެރިންގެ ހިޔާލު