ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމުގައިވާ ޖޯޖް ކޯބިންއާއި އޭނާގެ ދަރިފުޅު ޖޯޖިއާ ކޯބިންއަށް މޯލްޑިވްސް ބޯޑަރ މައިލްސްގެ އެންމެ ޝަރަފުވެރި "އަބާރަނަ ޓިއަރ" ދީފިއެވެ.

މިއީ މި ޓިއަރ ފަތުރވެރިޔަކަށް ދިން ފުރަތަމަ ފަހަރެވެ. ޖޯޖިއާ ކޯބިން ވަނީ 1972 ވަނަ އަހަރު އޭނާގެ ބައްޕައާއިއެކު ރާއްޖެ އައިސްފައެވެ. އެގޮތުން މިއީ ފަތުރުވެރިކަން ފެށުނުއިރު ރާއްޖެ އައި އެންމެ ހަގު ފަތުރުވެރިޔާވެސް މެއެވެ.

މިމީހުންނަށް އަބާރަނަ ޓިއަރ ހަވާލުކޮށްފައިވަނީ އެމީހުން ރާއްޖެއަށް ކުރި ރަސްމީ ދަތުރު ނިންމަލުމަށްފަހު ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީ. އައި. ޕީ. ލޯންޖުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް، އަހުމަދު ނަސީމެވެ.

މިނިސްޓަރ ނަސީމާއި ކޯބިން އެންމެ ފުރަތަމަ ފަހަރަށް ބައްދަލުވެފައި ވަނީ 1971 އަހަރު ސްރީލަންކާގެ އެންބަސީންނެވެ. އެއަށްފަހު ނަސީމާއި ކޯބިން ވަނީ ދިވެހިރާއްޖެއައް ފަތުރުވެރިކަން ގެނައުމަށްޓަކައި އިސްދައުރެއް އަދާކުރައްވާފައެވެ.



ކޯބިންއާއި އޭނާގެ ދަރިފުޅު ރާއްޖެ އައީ 15 ފެބްރުވަރީ 2022 ގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ފަންސާސް އަހަރު ފުރުމުގެ ރަންޔޫބިލް ފާހަގަ ކުރުމުގެގޮތުން ބާއްވަމުންދާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރި ވުމަށެވެ. ކޯބިން ގެނައި ފަތުރުވެރިންގެ އެންމެ ފުރަތަމަ ގްރޫޕް ރާއްޖެ ގެނެސްފައިވަނީ 16 ފެބުރުވަރީ 1972 ގައެވެ. މި ގްރޫޕްގައި ބޮޑަށް ހިމެނުނީ ނޫސްވެރިންނާއި ޑައިވަރުންނެވެ. ފަތުރުވެރިންގެ މި ގްރޫޕަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނި، ރާއްޖެއަކީ 'ދުނިޔެމަތީގެ ސުވަރުގެ' ގޮތުގައި ސިފަކޮށްފައިވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްގެ އަބާރަނަ ޓިއަރ އަކީ ޕްރޮގްރާމުގެ އެންމެ ޝަރަފުވެރި ޓިއަރއެވެ. އެގޮތުން މި ޓިއަރގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހިލޭ ވީ.އައި.ޕީ. ސަރވިސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް ބޯޑަރ މައިލްސްގެ ޕަރޓްނަރ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ވެސް މި ޓިއަރ ހާސިލްކުރާ މެމްބަރުންނަށް ޚާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް