ކުރީގެ ރައީސް އަބުދުﷲ ޔާމިންގެ ފަހަތުން ސަރުކާރުން ދުވެގެން ދިވެހި ރައްޔިތަކަށް ހޯދައިދެވޭނެ އުފަލެެއް ނެތް ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރުން އިންސާފް ގާއިމްކުރަނީ ހަމައެކަނި ރައީސް ޔާމިން ހިފާ ހައްޔަރު ކޮށްގެން ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ޖަލްސާތަކުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ދައްކަނީ ރައީސް ޔާމިން ހައްޔަރުކުރާ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަތުޖެހޭ ކޮންމެ ޕޯޑިއަމެއްގައި އަތުޖެހޭ ކޮންމެ މައިކެެއްގައި ރައީސް ޔާމިން ޖަލަށް ލާ ވާހަކަ. މިއީތޯ ދިވެހި ރައްޔިތުންނަށް އިންސާފް ހޯދައިދޭން އައިބަޔަކު ގޮވަންޖެހޭ ވާހަކަ އަކީ. ޔާމިން ފަހަތުން އެކަނި ދުވެގެން ރައްޔިތުންނަށް ހޯދައިދެވޭނެ އުފަލެއް ނެތް." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރާ ވާހަކައަކީ ވެެރިކަން ލިބުމުގެ ކުރިން އެމްޑީޕީން ވަރަށް ބާރަށް ދެއްކި ވާހަކައެއް ކަމަށާއި، އެހެން ނަމަވެސް ވެެރިކަން ލިބުމާއެކު އެ ވާހަކަ ހަދާން ނައްތާލާފައިވާ ކަމަށެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު އެ އިސްލާހު ޕީޕިއެމް މެމްބަރަކު ހުށައެޅުމަކީ އެމްޑީޕީގެ 65 މެމްބަރުން ލަދު ގަންނަންޖެހޭނެ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް އިތުރަށް ވިދާޅުވީ އިންސާފު ގާއިމް ކުރުމަށް ރައީސް ޔާމިން ކުރެެއްވި މަސައްކަތް ފެންނަން އެބަހުރި ކަމަށެވެ.

"ރައީސް ޔާމިންގެ ޒައާމަތުގައި ޖޭއެސްސީގައި އިންނަވާނީ ވެެރިކަންކުރާ ޕާޓީގެ ރައީސެެއް ނޫން، މަޖިލީހުގެ ރިޔާސަތުގައި މި އިންނެވީ ވެރިކަން ކުރާ ޕާޓީގެ ރައީސް. އެމަނިކުފާނު އެ އިންނަވަނީ ޖޭއެސްސީގައި. ވާދަވެރިއަކީ ރައީސް ޔާމިން." މަޖިލީހުގެ ރައީސްގެ ހަސިއްޔަތުން ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވާތީ އެކަމަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކުރި ފަސް އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރުމުން އެމަނިކުފާނު ވަނީ މިނިވަންވެވަޑައިގެންފައެވެ. ރައީސް ޔާމިން މިނިވަންވެވަޑައިގަތުމާއެކު އިންޑިޔާ ސިފައިން ބޭރުކުރުމަަށް އިސްވެ ހިންގަވާ އިންޑިޔާ އައުޓް ހަރަކާތާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކުރުމަށް އެމްޑީޕީގެ އިސްބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެެވެ.

ދައުލަތުން މިހާރު ވަނީ ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ރައީސް ޔާމިންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް