ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ވާނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ބޭނުންވާ ގޮތަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ވާނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި، ގާނޫނު އަސާސީ ބަދަލު ކުރަންވާނީ ހުރިހާ ޕާޓީއެއްގެ ލަފައާއިއެކު ކަމަށެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހަމައެކަނި އެމްޑީޕީން ހުށައެޅި ގޮތަށް ކުރިއަށް ގެންދިއުމަކީ، އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ އިސްލާހުތައް ގެނައުމުގައި މެޖޯރިޓި ޕާޓީ އެދޭ ގޮތަށް ކަންކަން ގެންދިއުމުގެ ބަދަލުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަކީ ޝައްކެއް ނެތް ގޮތުގައި އެންމެ ބުއްދިވެރި ގޮތް. އިރާދަ ކުރެއްވިއްޔާ އެމަސައްކަތް ކުރިއަށް ދާނީ އެގޮތަށް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށައަޅުއްވާފައެވެ. އޭގެތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހް ކަނޑައެޅުން ފަދަ އިސްލާހުތައް ހިމެނެއެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-5

Imthiyaz Ali

24-Feb-2022

30 ޕަސެންޓަށް ވުރެން މަތިން އެންމެ ގިނަ ވޯޓް ހޯއްދަވާ ބޭފުޅަކު އިންތިހާބު ވާގޮތަށް ނަޝީދު ހުށަހެޅުއްވީ ލިޔާ އިރު ތަންކޮޅެއް ޒިންމާދާރު ވުން އެދެން



ފަހުގެ ލިޔުންތައް